ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމެއްގެ ތެރެއިން
ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމެއްގެ ތެރެއިން
ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ދެކެ ސަރުކާރުތަކުން އިންތިހާއަށް ބިރުގަންނަ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒް މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން މިއަންނަ ހުކުރުދުވަހު ބޭއްވުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ޤާނޫނާ ޚިލާފުކަމަށާއި އެ ޙަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދިނުމާ ގުޅިގެންނެވެ. ފުލުހުން ވަނީ އެއްވުމުގައި ބައިވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ބަޔާނެއްނެރެފައެވެ.

އެކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ވެރިކަންކުރި ހުރިހާ ސަރުކާރަކުންވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ދެކެ އިންތިހާއަށް ބިރުގަންނަ ކަމަށެވެ. އެހެން ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ގައުމީ މަސްލަހަތަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ސުލްހަވެރިކަމާއި ކެތްތެރިކަން އަދި ގާނޫނީ ބާރުވެރިކަން އިސްކުރުން ކަމަށް މުހުތާޒް ވިދާޅުވިއެވެ.

"ދަޢުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެމީހަކަށްމެ ލިބިގެންވެއެވެ." ޤާނޫނު އަސާސީގެ 32ވަނަ މާއްދާގައި ބުނެފައިވެއެވެ.



ޤާނޫނު އަސާސީގައި އެއްވެސް ހިފެހެއްޓުމެއްނެތި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވީ ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އޭރުއޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނެއް ފާސްކޮށް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީ ލިބުމުންވެސް އެ ޤާނޫނު އިސްލާޙު ކޮށްފައެއްނުވެއެވެ.

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން މާލޭގައި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ހެންވޭރު ކާނިވާ ސަރަޙައްދުގައި ކަމަށް 2016 ވަނަ އަހަރު ދާޚިލީ ވުޒާރާއިން ވަނީ ނިންމަވާފައެވެ .



ކިޔުންތެރިންގެ ހިޔާލު