ރައްޔިތުުންގެ މަޖިލިސް ޖަލްސާކުރާ މާލަން
ރައްޔިތުުންގެ މަޖިލިސް ޖަލްސާކުރާ މާލަން
ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގެނެވޭ އިސްލާހަކުން ކަމަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައި ބުނެފިއެވެ.

މިހާރު އިންތިޚާބު ކޮށްފައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާ ލުމާއި ބެހޭގޮތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުށައެޅީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމާއި މެދު މެންބަރުންގެ މެދުގައި ބަހުސް ކުރެވެމުން ދަނިކޮށެވެ.

މަޖިލީހުގައި ސުޕަރމެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މިމައްސަލައިގައި ސުޕްރީމް ކޯޓުން ދިން ލަފާގައި ވަނީ ގާނޫނު އަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ބަޔާންކުރުމުން އެ އުސޫލާ ޚިލާފަށް ކަމެއް ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އަދި ގާނޫނު އަސާސީގައިވާ އަކުރަކަށް އަދި ފިއްޔަކަށް ވެސް އުސޫލުތަކާއި ޚިލާފަށް ބަދަލުކުރުމަށް ދަައުލަތުގެ އެއްވެސް އިދާރާ އަކަށް ހުއްދަ ނެތް ކަމަށް ވެސް ސްޕުރީމް ކޯޓުގެ ލަފާގައިވެއެވެ.

މިހާރުގެ ކައުންސިލްތައް އިންތިޚާބުކުރީ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް ކަމަށް ވާތީ، އެ މުއްދަތު ހަމަވުމަށް ފަހު، ކައުންސިލަރުން މަގާމުގައި ދެމިތިބެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެން ނުވާ ކަމަށް ވެސް ލަފާގައިވެ.

"ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް ވިޔަސް ނުވަތަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އިންތިޚާބު ކުރެވޭ މީހެއްގެ މަގާމު ކަމުގައިވިޔަސް ގާނޫނު އަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައި ނެތްގޮތަކަށް ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވިޔަސް ކޯޓްތަކަށް ވިޔަސް އަދި ވެރިކަން ހިންގާ ފަރާތަށްވެސް ދީފައެއްނެތެވެ." ސްޕްރީމް ކޯޓުގެ ލަފާގައި ބުނެފަައިވެއެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއް އިއުލާން ކޮށްފައި އޮތުމުން، މިވަގުތު ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން މަނާވާ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ.

"އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތް އޮތުމަކީ ގާނޫނުއަސާސީގެ 267 ވަަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެނެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ލަފާގައި ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތްގޮތަށް ފާސް ކުރިޔަސް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެނެއް ނުދާނެ ކަމަށާއި ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ލަފާގަައި ބުނީ، ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ކަމަށް ވެފައި، ސަރުކާރުން ހުށަހެޅި ބިލުގައި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެހެން މާއްދާއަކަށް ކަމަށް ވާތީއެވެ.

އެހެންވެ، އެކަމަށް ހައްލެއް ގެނެވޭނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސްގެން ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފަައިވެއެވެ.

ސުޕްރީމް ކޯޓުން މަޖިލީހަށް ދިން ލަފައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މިރޭ ބާއްވަން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން