ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މަޖިލީހުން ހޯދަން ޖެހޭނީ އެންމެ ގިނައިން އިތުރުފުޅު ހައްދަވާ ވަޒީރުކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނެ، އެކަން ބެލުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް ޝަރީފް މައްސަލަ ހުށައެޅުއްވީ ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ އޮފިސަރުން އުޅޭކަމަށް ބުނެ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ދެއްކެވި ވާހަކަފުޅުތައް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދޮގުކުރެއްވުމުންނެވެ. އެހެންކަމުން އާދަމް ޝަރީފް ހުށަހަޅުއްވާފައިވަނީ އެ މައްސަލާގައި އިތުރުފުޅު ހައްދަވާފައިވާ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ.

މައްސަލައިގެ ބަހުސްގައި މެންބަރު ޝިޔާމް ވިދާޅުވީ ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަކަށް ކަމަށެވެ. އެގޮތުން މަޖިލީހުގައި ކޮންމެ އަހަރެއް ފެށުމުގެ ގޮތުން ރައީސް ޞާލިހް އިތުރުފުޅު ހައްދަވާ ކަމަށާއި އެހެންކަމުން މަޖިލީހުން ހޯދަން ޖެހޭނީ އެންމެ ގިނައިން އިތުރުފުޅު ހައްދަވާ ވަޒީރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަޖިލީހުން ބަލަން ޖެހޭނީ އެންމެ ގިނަ އިތުރުފުޅު ހައްދަވަނީ ކޮން ބޭފުޅެއްކަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުގައި ތިއްބެވީ ދޮގު ވިއްކަވާ ވަޒީރުންކަމަށާއި އެހެންކަމުން އެކަން ސާބިތުކުރުމަށް ކުއްލި މައްސަލައެއް ހުށައަޅަން ނުޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު