އާރްޑީސީގެ އެމްޑީ މޫސާ ޢަލީމަނިކު
އާރްޑީސީގެ އެމްޑީ މޫސާ ޢަލީމަނިކު
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީގެ އެތެރޭގައި އިދިކޮޅު ޕީޕީއެމްގެ ގޮތްޕެއް އޮންނަކަމުގެ ތުހުމަތު އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ކުރައްވައިފިއެވެ.

މޫކޭ މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މި ފަހަކަށްއައިސް ނެރޭ ވިޕްލައިންތަކާއި ހިލާފަށް ޕީޕީއެމްގެ މެންބަރުން ބޭނުންވާގޮތަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަޖިލީހުގައި ވޯޓުދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވާހަކަ ދެއްކެވުމާއި ގުޅިގެނެވެ.

މި މައްސަލާގައި ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނަށް ނިސްބަތް ކުރައްވާ މޫކޭ މިއަދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އޮންނަ ޕީޕީއެމް ގޮފިން އަބަދުވެސް ކަންކުރަމުން ދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރަން ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރަނީ އިންސާފަށް ކުރި މަސައްކަތް އެކަހެރިކޮށް ސަރުކާރު ހުއްޓުވަން ކަމަށް ވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.

"އެމްޑީޕީގެ ޕީޕީއެމް ގޮފިން އަބަދުވެސް ކަންކުރަމުން ދިޔައީ ރައީސް ޔާމީން މިނިވަންކޮށް، އިންސާފަށް ކުރި މަސައްކަތް ލީކުކޮށް ސަރުކާރު ހުއްޓުވަން." މޫކޭ ވިދާޅުވެފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގައި މި ހަފުތާގައި ނެގި ދެ ވޯޓެއްގައި، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ގޮތަށް ވޯޓު ދެއްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ތެރެއިން ރައީސް ނަޝީދާއެކު ތިއްބެވި މެމްބަރުން މި ގޮތަށް ވޯޓު ދެއްވީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ހެދި ހޫނުވި މައްސަލަތަކާ ގުޅިގެން ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މެންބަރުން ވިދާޅުވަމުން ދަނީ، ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން އިދިކޮޅުން ހުށަހެޅި ބައެއްކަންކަމާ އެއްކޮޅަށް ވޯޓު ދެއްވީ ކަމަށެވެ.

ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް މައްސަލާގައި އިދިކޮޅުން މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްވީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން