ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖު
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖު
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތައް އާންމުންނާ ހަމައަށް ތިލަވެ ދެފެކްޝަންގެ މެންބަރުންގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަނާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާ ދެމެދު ވަރުގަދަ އަރައިރުމެއް ހިނގައިފިއެވެ.

މެންބަރު ސިރާޖާއި މެންބަރު އިކްރާމާ ދެމެދު ހިނގާފައިވާ މިއަރައިރުން ފެށުނީ އެމްޑީޕީއާ ޕީޕީއެމްގެ ތަފާތަކީ އެމްޑީޕީން ޤަބޫލުކުރާ އުސޫލުތައް ކަމަށާއި އެއީ ވައްކަމާއި ދެކޮޅު، ކޮރަޕްޝަން ހުއްޓުވާ، އިންސާފު ޤާއިމް ކުރުމުގެ އުސޫލުކަމަށް ވިދާޅުވެ، މިއަދު އެ އުސޫލުތައް ދޫކޮށްލުމުގެ ވިސްނުމެއް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާކަމަށް ސިރާޖު ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.

ސިރާޖް ވިދާޅުވެފައިވަނީ ވޯޓަކީ ހަމައެކަނި ކޮންކްރީޓް ޕްރޮޖެކްޓަށް ލިބޭ އެއްޗެއްނަމަ 2018 ގައި ރައީސް ޔާމީނަށް ރައްޔިތުން ވޯޓުދީ އިންތިޚާބު ކުރާނެ ކަމަށެވެ. އެމްޑީޕީއަށް 2023 ލިބޭނީ އެމްޑީޕީގެ އުސޫލުތައް ހިފަހައްޓައި ދަމަހައްޓައިގެން ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ސިރާޖަށް ރައްދު ދެއްވަމުން މެންބަރު އިކްރާމް ވިދާޅުވީ ސަރުކާރުގައި ތިބޭއިރު އެކި ޒާތުގެ ތުހުމަތު ކުރާނެކަމާއި، ބައެއް މީހުން ގޯސްވެސް ހަދާނެކަމަށެވެ. ނަމަވެސް ނިޒާމުގެ ތެރެއިން މި ކަންކަމަށް ހައްލު ހޯދައި ކަންކަން ރަނގަޅު ކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްކަމަށާއި ތިމާ ހިތް ނުރުހޭ ކޮންމެ މީހަކަށް ވަގަށްގޮވައި އަބުރު ކަތިލައިގެން ނުވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

މެންބަރު އިކްރާމަށް އެންމެ ފަހުން ދެއްވި ރައްދުގައި މޫސާ ސިރާޖް ވިދާޅުވީ ރައީސް ޔާމީނަށް ކަމުނުގޮސްގެން އެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުން ވަކިކުރުމާ ހަމައަށް ސަރުކާރުގައި ގަދަޔަށް އުޅުނު މީހުންގެ ވިސްނުން ތަފާތުވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރައީސް ޔާމީނުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރިއިރު މަނިކުފާނު ހުންނެވީ ޔާމީން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް." އިކްރާމަށް ދެއްވި ރައްދުގައި މޫސާ ސިރާޖް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


12

ތިމާ

01-Apr-2022

ތިޔަ އިކްރާމް މަޖިލީހަށް ހޮވުނީ ރަށްރަށުގައި ފުޓްސެލް ދަނޑުތައް އަޅައިދިނުން ފަދަ ކަންތައް ކޮށްދޭނެ ކަމަށް ބުނެ, ރިޝްވަތު ހުށަހަޅައިގެން.