މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މިހާރު ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫން 2020 ގެ ފަހުން ސްޓޯރޭޖް ފީ ނަގާނެ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލުން ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލް 2020 އިން ފެށިގެން ފުރަބަންދު ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާރމިނަލްގައި ކުލިއަރ ނުކޮށް ގިނަޢަދަދަކަށް މުދާ އެބަހުރިކަމަށެވެ. އަދި އެ މުއްދަތުގައި ސްޓޯރޭޖް ފީ ނަގަމުން ގޮސްފައިނުވާތީ، މުދާ އެތެރެކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއަރ ކުރުމަށް އިސްކަން ދެއްވާފައި ނުވުމުގެ ސަބަބުން، މުދަލާއެކު ގިނަ ކޮންޓެއިނަރތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހުމުން ބަނދަރު ތޮއްޖެހިފައިވާކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.

އެމްޕީއެލް އިން ބުނީ، މިހެން ވުމުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާބާލައި ބަހައްޓާނެ ޖާގަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

މީގެ އިތުރުން ރަމަޟާންމަސް ނިމިފައިވާތީ ބަނދަރުގެ އޮޕަރޭޝަން ތަކުގެ ގަޑިތައް އިތުރު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، އަދި މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދީފައިވުމުން މުދާ ނެރޭ ފަރާތްތަކަށް ދަތި އުނދަގޫކަމެއްނެތި މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ވެސް އެމްޕީއެލުން ބުނެފައި ވެއެވެ. އެހެން ކަމުން މިހާރު ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫން 2020 ގެ ފަހުން ސްޓޯރޭޖް ފީ ނަގާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެގޮތުން ސްޓޯރޭޖް ފީ ނަގާއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރގައި ގެންނަ ކާރގޯގެ ސްޓޯރޭޖް ފީ އިން 20 އިންސައްތަ މާފްކުރަން އެމްޕީއެލް އިން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް 20 އިންސައްތަ މާފް ކޮށްދެވޭނެ ކަމަށާއި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރގައި ގެންނަ ކާރގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފުރަބަންދުގެ މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން 2020 އިން ފެށިގެން ސްޓޯރޭޖްފީ ނަގާ އުސޫލުން ކަމަށެވެ.

އަދި 10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ މުދާ ބަނދަރަށް ބޭލި ތާރީޚުން ފެށިގެން 12 ދުވަސް ހަމަވުމަށްފަހު ކަމަށާއި، މި ބަދަލާއެކު ހުސް ކޮންޓެއިނަރގެ ސްޓޯރޭޖް ކުރިންވެސް ނަގަމުން ދިޔަ އުޞޫލުން 11 ޖޫން 2020 އިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ކަމުގައި އެމްޕީއެލް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން