16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީން ކުރި މަސައްކަތަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ތައުރީފު ކުރައްވައިފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ތައުރީފު ކުރައްވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، އިންޓަނެޓްގެ ޒަރިއްޔާއިން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިވެފައިވާކަން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މިފަދަ ކަންކަން ހިނގުން ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް ވީނުވީއެއް ނޭނގި އެކުއްޖާ ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މިމަހު 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން މިކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި މި ކުއްޖާ މާލޭގެ ގެސްޓްހައުސްއަކުން އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށާއި، އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޮޅުވާލައިގެން މާލެ ގެނެސް 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެ ކުއްޖާ މާލެ އައިސްފައި ވަނީ ގަވާއިދާ އެއްގޮތަށް ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މި އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައި ވަނީ ކުއްޖާ އަދި މައިންބަފައިން ވެސް ނުދަންނަ މީހެއްގެ ކައިރިއަށް، ކުއްޖާ އެކަނި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން