ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފު ހުންނެވީ އަޅުވެތިކަމެއްގައި ކަމުގެ ތުހުމަތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރަށްވާ އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދު ކުރައްވާ ޙަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި، ދައްކާ ބިރާއި ވާ ވަރުބައްޔަށްވުރެ ލިބިފައިވާ މިނިވަންކަން ގެއްލުނަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް މާ ބުރަ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޙަސަން އެފަދައިން ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި، ޗެއަރޕާސަންގެ އިމްތިހާބުގައި ވާދަކުރައްވާ ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާ، މޫކޭ ވިދާޅުވީ، އެމްޑީޕީގެ ކަންކަން ހިނގާގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޙަސަން ލަތީފު ކަމަށެވެ. އަދި ޙަސަން ޗެއަރޕާސަންގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވުމުން ރައީސް ނަޝީދާއި ދެކޮޅަށް ނުކުމެވަޑައިގެންނެވި ބޭފުޅެއްކަމަށް ހެދިހެދުން ގާތުން ފެނިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗެއަރޕާސަންގެ މަގާމަށް ނުކުތީމަ ރައީސް ނަޝީދާއި ދެކޮޅު، އަދި ޕާޓީ ފޭރިގަންނަން އުޅޭ މީހެއްގެ ލޭބަލް އަޅުވާ ކުރި ޖެއްސުމާއި އެންޓިކެމްޕޭން ގާތުން ދެކުނިން. ހަގީގީ އަޅުވެތިކަމަކީ ތީ ނޫންބާ." މޫކޭ ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުން ވާދަކުރަށްވާ ފައްޔާޒާއި ރައީސް ނަޝީދުގެ ފަޅިން ވާދަކުރަށްވާ އިމްތިޔާޒު ފަހުމީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. އެ ވާދަވެރިކަމުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ދަނީ ހޫނު ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު