ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުﷲ ޝަހީމް
ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުﷲ ޝަހީމް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނިކޮށް، އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕުން މަސައްކަތް ކުރަމުންދަނީ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް އެންޓިކެމްޕޭން ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުﷲ ޝަހީމް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ފޯރި ގަދަވެ، ޕާޓީގެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން ހޫނު ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދާ މި ދަނޑިވަޅުގައި ޝަހީމް މިއަދު ވިދާޅުވީ، މި އިންތިހާބުގައި ފެނިގެންދަނީ، ޕާޓީގެ ލީޑަރޝިޕް ނުކުމެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓަކަށް ތާއީދުކޮށް އަނެއް ކެންޑިޑޭޓަށް އެންޓިކެމްޕޭން ކުރާތަން ކަމަށެވެ.

ޝަހީމް ވަނީ މިކަމުން ފެނިގެންދަނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވެފައި އޮތް މިންވަރުކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.



ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުގައި މައިގަނޑުގޮތެއްގައި އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ވެސް މި ހަފްތާތެރޭ ވަނީ ފައްޔާޒުގެ ޓީމުން ކެމްޕޭންގައި ބޭނުންކުރާ "ހިންގާލަން" ސްލޯގަނާއި ގުޅޭގޮތުން ފައްޔާޒަށް ނިސްބަތް ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ފައްޔާޒަށް ނިސްބަތް ކުރައްވާ ކޮރަޕްޝަނާއި ވަޒީފާގެ ބިރު ދެއްކުން ހިންގާކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ދަނީ އެ ވާހަކަތައް ތަކުރާރު ކުރަމުންނެވެ. ނަމަވެސް، ފައްޔާޒުގެ ޓީމުން ބުނަމުން ދަނީ، އެ ޓީމުން ކުރާނީ ޑިމޮކްރަސީގެ ނަމޫނާ ކެމްޕޭނެއް ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރުތިއްބެވި ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ދެވިއްޖެ ކަމަށެވެ. އެތައް އަހަރުތަކެއް ވެފައިވާ މިހާރުގެ ލީޑަރޝިޕަށް ޕާޓީ ހިންގާ ނުލެވޭ ކަމަށާއި ޕާޓީގެ އާންމު މެންބަރުން ޕާޓީ ހިންގާލަން މިހާރު ބޭނުންވަނީ އާ ލީޑާޝިޕެއް ކަމަށް ފައްޔާޒުގެ ޓީމުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން