އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވާނީ އެ ޕާޓީގެ މެންބަރުންގެ ދަފުތަރު އިސްލާހު ކުރަންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަންގެ އިންތިހާބުގެ ކެމްޕޭނުގައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ފައްޔާޒު މިއަދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ދަފުތަރުގައި ތިބި އެހެން ޕާޓީތަކުގެ މީހުން ބަލައި ސާފު ކުރެވި ޕާޓީގެ ދަފުތަރު ރަނގަޅަށް މެނޭޖު ކުރުމަކީ މަގާމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދެއްވާނެ އެއް ކަންތައް ކަމަށެވެ.

"ޕީޕީއެމް 20000 މެންބަރުންނަށް އެބަ ވޯޓް ލެވޭ! އެމީހުންނަށް އެބަ ނިންމޭ އެމީހުންނާ ވާދަކުރަން އަޅުގަނޑުމެންގެ ތެރެއިން ނުކުންނާނެ މީހަކު! އަޅުގަނޑުމެންގެ ތެރެއިން އެމީހުންނާ ވާދަކޮށްލެވެން ހުންނަ މީހާ ނުކުތަ ނުދޭން ދެންހުންނަ މީހާޔަށް އެމީހުން އެބަ ވޯޓްލާ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެކަން އެހެން އޮތުމުން އޭނާ ހުށަހަޅުއްވާ ގޮތަކީ، އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮތް މީހެއްނަމަ އެމްޑީޕީން ވަކި ކުރުމާއި ނުވަތަ ކުރިން އޮތް ޕާޓީން ވަކިވެ އެމްޑީޕީއަށް ވަނުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ކުރިމަތިލީއިރު އެ ޕާޓީގެ މެންބަރުންގެ އެންމެ ކަންބޮޑުވުން ހުރި އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އެ ޕާޓީގެ ދަފުތަރުގައި އެހެން ޕާޓީތަކުގައި ހަރަކާތްތެރިކޮށް އުޅޭ ގިނަ ބަޔަކު ތިބުމެވެ. އެކަން ހައްލު ކުރުމަށް ފައްޔާޒުގެ ޓީމުން އިސްކަން ދޭނެކަމަށް ބުނާއިރު، ފައްޔާޒާއި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ވެސް ދަނީ އެކަން އެގޮތަށް ކުރުމަކީ އެ ޓީމުގެ ވެސް ވައުދެއް ކަމަށެވެ.

ނަމަވެސް، މިހާތަނަށް ޕާޓީގެ އިސް މަގާމުތަކުގައި ތިބީ އިންތިއަށް ތާއީދުކުރާ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންކަމަށާއި ޕާޓީގެ ދަފުތަރު ރަނގަޅުކުރަން ބޭނުންނަމަ މިހާރު އޮންނަންވާނީ އެކަން ހައްލު ކޮށްފައި ކަމަށް ޕާޓީގެ އާންމު މެންބަރުންނާއި ފައްޔާޒުގެ ޓީމުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިހާރު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން