ބްރިޖްގެ މަސައްކަތަށް ވިލިމާލޭ ހުޅަނގު ދެކުނުފަރާތު އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު އެސަރަހައްދުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ތިލަމާލެ ބުރިޖު މަސައްކަތަށް ވިލިނގިލީގެ ފަޅުތެރެއާއި، އެއްގަމުން ޚާއްޞަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އެސަރަހައްދުގެ އެއްގަމާއި، ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ކަނޑައެޅާފައިވާ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން 19 އެޕްރީލް 2022 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އުޅަނދުތައް ބަދަލުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ އެމުއްދަތުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތަކަށް ދަތިވާގޮތަށް އެސަހައްދުން ނުނަގާހުރި ހުރިހާ އުޅަނދެއް ކައުންސިލުން ނަގާ އުޅަނދުފަހަރު ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ. އަދި އެފަދަ އުޅަނދު ފަހަރު ނެގުމުގެ ތެރޭގައާއި، ނެގުމަށް ފަހު އުޅަނދާއި އުޅަނދުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި، އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން