އަހުމަދު މަސްނޫމް   17 އޭޕްރީލު 2022 - 16:10
އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ވަނީ 8.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެހެންކަމުން ލިބުނު އާމްދަނީއާއި ބަލާއިރު ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކުރެވުނު ހަރަދުތައް ވަނީ 1.7 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް 7.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 5.3 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.9 ބިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 71 މިލިއަން ރުފިޔާ ވަނި ލިބިފައެވެ.

ފުރަަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދު 8.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 6.5 ބިލިއަން ރުފިޔާއަކީ ދައުލަތް ހިންގުމުގެ ހަރަދެވެ. ދައުލަތް ހިންގުމުގެ ހަރަދުގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ސަރުކާރުގެ މުސާރަތަކަށް ހަރަދުވެފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 2.3 ބިލިއަން ހަރަދުކޮށްފައިވާއިރު، އޭގެތެރެއިން ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވަނީ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން