ވިލިމާލޭ މަގުމަތި ޕެޓްރޯލް ކުރަމުންދާ ފުލުހުން ބުޅާތަކަށް ކާންދެނީ ފޮޓޯ ޕޮލިސް
ވިލިމާލޭ މަގުމަތި ޕެޓްރޯލް ކުރަމުންދާ ފުލުހުން ބުޅާތަކަށް ކާންދެނީ ފޮޓޯ ޕޮލިސް
ކޯވިޑް-19 އާއި ގުޅިގެން މަގުމަތި ޕެޓްރޯލްކޮށް މާލެ ސަރަހައްދި ބެލެހެއްޓުމުގައި ފުލުހުން އަދާކުރާ މުހިންމު ޒިންމާގެ އިތުރުން މަގުމަތީގައި ހާލުގައި ޖެހިފައިވާ ބުޅާތަކަށް ފުލުހުން ކާންދީ ބަލަހައްޓަމުންދާ މަންޒަރު ދައްކުވައިދޭ ފޮަޓޯތަކާއެކު ގިނަ ބަޔެއްގެ ތައުރީފު ފުލުހުންނަށް އޮހެން ފަށައިފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ލޮކްޑައުން ތަންފީޒު ކުރުމަށް ވިލިމާލޭ ހަރަކާތްތެރިވި ފުލުހުން އެއަވަށުގައި ހާލުގައި ޖެހިފައިވާ ބުޅާތަކަށް ކާންދޭ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. ފުލުހުން ބުނީ މަގުމަތީގައި ޕެޓްރޯލް ކުރަމުން މަގުމަތީގައި އުޅޭ ބުޅާ ތަކަށް ކާންދިނުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށް އާންމުން ބޭރަށް ނުކުމެ އުޅުން މަނާ ކުރުމުން މަގުމަތީގައި އުޅޭ ބުޅާތަކަށް ކާންނުލިބި ގިނަ ބުޅާތަކެއް ވަނީ ހާލުގައި ޖެހިފައެވެ.

މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން، އާންމުކޮށް މާލޭ ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް މަރުވާން ފެށިއެވެ. އަދި ކާއެއްޗެހި ހޯދަން ގިނަ ކޮތަރުތައް މާލޭގެ މަގުތަކަށް ވެސް ނުކުމެ އުޅުނުކަން ފާހަގަކޮށްލެވެއެވެ. ޖުމްހޫރީ މައިދާނަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ، މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލެކެވެ.

އެތަނުގައި އަބަދުވެސް އެއަށް ކާންދޭނެ މީހުން ތިބޭއިރު އާއްމު ގޮތެއްގައި ކޮތަރުތަކަށް ކާންދެނީ، މާލޭގެ ތޮއްޖެހުމުގެ މާހައުލުން ބޭރަށް ނުކުމެލުމަށް އެ މައިދާނަށް ދާ މީހުންނާއި ކުޑަކުދިންނެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެ، މާލެ ލޮކްޑައުންކޮށް އެންމެން "ގޭބަންދު" ވާން ޖެހުމުން ކޮތަރުތަކަށް ކާން ނުލިބި ކޮތަރުތައް ބަނޑަށް މަރުވާން ފެށުމުން ކޮތަރު ތަކަށް ކާންދޭންވެސް ނުކުތީ ފުލުހުންނެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިކަން ފާހަގަކޮށް ފުލުހުންނަށް ތަރުހީބު ދީފައެވެ. ބައެއް މީހުން ބުނެފައިވަނީ ތިޔައީ ހަގީގީ ފުލުހުންގެ އިހުސާންތެރިކަން ހާމަވެގެންދާ ނަމޫނާ މިސާލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން