އިބްރާހިމް ފަހީމް   20 އޭޕްރީލު 2022 - 3:53
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުންގެ ގުޅުން ގޯސްވެ އެ ގުޅުން ބަދަހިނުކުރެވޭ ހިސާބަށް ކަންކަން ގެންގޮސްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ހަށިވިއްކާ ކަމުގެ ތުހުމަތާއި ޒިނޭ ކުރާ ކަމުގެ ތުހުމަތު އަދި ރާބޯ ކަމުގެ ތުހުމަތުވެސް ބައެއް މެންބަރުންކުރަށްވައި، ވަރަށް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވަނިކޮށެވެ. އަދި ޕާޓީގެ މިހާރުގެ ލީޑަރޝިޕުން އެ ވާހަކަތައް ހުއްޓުވަން ނޫނީ ފިނިކުރަން އެއްވެސް މަސައްކަތެއް ކުރިތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ގުރޫޕްގައި ބަހުސްތައް އެ ހިސާބަށް ދިއުމުން މިނިސްޓަރު ފައްޔާޒު އެ ގުރޫޕްގައި ހިއްސާ ކުރެއްވި ދިގު މެސެޖެއްގައި ވިދާޅުވީ އޭނާ އުންމީދު ކުރައްވައިގެން ހުންނެވީ އެމްޑީޕީ ހިންގެވުމުގައި މިވަގުތު އޮތް ލީޑާޝިޕްގެ ބޭފުޅުން އެ ގުރޫޕްގައި ހިނގަމުންދިޔަ ބަހުސް ފިނި ކުރެއްވުމަށް ކޮންމެވެސް އެއްޗެއް ވިދާޅުވާނެ ކަމަށެވެ. ނަމަވެސް އެ ލީޑާޝިޕް ފެނިގެން ގޮސްފައިނުވާތީ ފައްޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި، ކެމްޕެއިންނާއި ގުޅުން ނެތް ބޭކާރު އަދި ޒާތީ ޒުވާބުތައް އެ ގުރޫޕްގައި ނުކުރެއްވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

"ވޯޓް އިތުރުވެ ނުވަތަ ގެއްލޭނީކީއެއް ނޫން. ބުއްދިވެރި ކަމެއް ކަމަކަށް ނުފެނޭ. ރަހިމުގެ ގުޅުން ފަދަ ގުޅުމެއްގެ ގޮތުގައި ނޫން ނަމަވެސް ގައުމީ މަޖިލީސްގެ ގުޅުން އެހާ ބޮޑަށް މި ކަހަލަ ސިންޕަލް ކެމްޕެއިނަކާ ހެދި ކަނޑާލަން ނުވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

އިއްޔެއިން ފެށިގެން އެމްޑީީޕީީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދު ވެސް ދޭތެރެއަކުން ސަރުކާރަށް ފާޑުވިދާޅުވާ މޭރުމަކުން މެސެޖެއް ލިޔުއްވައެވެ.

އެގޮތުން އެ ގުރޫޕްގައި ހިނގާފައިވާ ބަހުސްތަކުގައި ބައެއް މެންބަރުންގެ ބަސް މަގު ހުރީ ދެން ދުވަހަކުވެސް އެ ބޭފުޅުންގެ ގުޅުން އަލުން ބަދަހިނުކުރެވޭނެ ފަދަ މޭރުމަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން