ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިއަދު އިތުރު 101 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވިނަމަވެސް އެއީ ލޮކްޑައުން އަށް ދިން ލުޔާއެކު އިތުރުވި ކޭސްތަކެއް ނޫން ކަމަށް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 101 އަށް އަރާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި 101 ކޭސްގެ ތެރެއިން 79 ކޭސް ފެނިފައި ވަނީ އެއް ކްލާސްޓާ އަކުން ކަމަށާއި އެއީ ބިދޭސީން ހިމެނޭ ކްލަސްޓާ އެއް ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ގިނައިން ހުރީ މީގެ ކުރިން ފެނުނު، ބިދޭސީން ދިރިއުޅޭ ތަންތަނުން ފެނުނު ކޭސްތަކާއި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުން ކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކުގެ ނިސްބަތް ކުރިން 5 އާއި 7 ޕަސެންޓް ގައި ހުރުމަށް ފަހު މި ކޭސްތަކާއެކު 14 ޕަސެންޓަށް އެރި ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"އެކަމަކު މިއީ ލޮކްޑައުން އަށް ލުއި ދިނުމުން އައި އިތުރުވުމެއްގެ ގޮތުގައި ނުބަލާ" ކަމަށް ޑޮކްޓަރު އަފްޒަލް ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހުން ޕޮޒިޓިވް ވެފައިވަނީ ބިދޭސީންގެ ކޮންޓެއިންމަންޓް ސައިޓްތަކުން ކަމަށެވެ. އަދި ހަތް ދިވެހިން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ހަ މީހުންނަކީ އެކި ކުލަސްޓާތަކާ ގުޅުން އޮތް މީހުން ކަމަށާއި އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް އިތުރު ދިވެއްސަކު ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ބިދޭސީއަކު ވެސް މީގެތެރޭގައި ހިމެނޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

 މިއަދު ރާއްޖެ އިން ޕޮޒިޓިވް ވި 101 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފަ އެވެ. އަލަށް ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 71 މީހުންނަނީ ބަނގްލަދޭޝް މީހުންނެވެ. ދެން ހިމެނެނީ އިންޑިއާގެ 21 މީހުންނާއި 8 ދިވެހިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން