ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
އައްޑޫސިޓީގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްކުރާ ކުންފުނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އާއިލީ ކުންފުނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސަން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މި ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލައި އެސިޓީ ހިންދާލުމަށް މަސައްކަތްކުރާކަމަށް މެންބަރު އިލްޔާސް ލަބީބް ކުރެއްވި ތުހުމަތާ ގުޅިގެން އަނދުން ހުސައިން ވަނީ އިލްޔާސް ލަބީބަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން އައްޑޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ 5000 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ޙަވާލުކޮށްފައިވާ ކުންފުނީގެ ލޯކަލް އެޖެންޓަކީ އިލްޔާސްގެ ޢާއިލީ ކުންފުނި ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

"އައްޑޫ އަތޮޅުގައި ރައީސް ޞާލިޙުގެ ސަރުކާރުން މިހިންގާ 5،000 މިލިއަނެއްހައި ރުފިޔާގެ މަޝްރޫޢު ހިންގާ އެފްކޯން ކުންފުނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އާއިލީ ކުންފުނި،" އަނދުން ހުސައިން ވިދާޅުވިއެވެ.

އިލްޔާސަށް ރައްދު ދެއްވަމުން އަނދުން ހުސައިން އިތުރަށް ވިދާޅުވީ އިލްޔާސް ލަބީބަކީ ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާފައިވާ އެސްއޯއީ ކޮމިޓީގެ މުޤައްރިރު ކަމަށެވެ. އަދި އެ މަޤާމުގައި އިންނަވައިގެން މަސައްކަތް ކުރަންވާނީ މަޝްރޫޢުތައް ދަމައިގަތުމަށާއި ބޭރުންއަންނަ ކުންފުނިތަކަށް ނުފޫޒު ފޯރުވުމާއި އަމިއްލަ ޖީބަށް ފައިދާވާގޮތަށް ކަންކަން ކުރުމާއި، ބްރޯ ހެދުމަށް ނޫންކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހުރެވޭތަން އަޅުގަނޑުމެން އަމިއްލައަށް އެބަ ބަލަންޖެހޭ. އެފަދަ ބާރުގަދަ ކޮމިޓީއެއްގެ މުޤައްރިރުކަން ލިބުމަކީ ރާއްޖެއަށް ބޭރުންއަންނަ ހުރިހާ ކުންފުނިތަކުގެ ލޯކަލް އެޖެންޓުކަން ނެގުމެއް ނޫން. އެއާ ދުރުގައި ހުރެގެން އެކަންކަން ބަލަން ޖެހޭނީ." އަނދުން ޙުސައިން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަނދުން ޙުސައިން ވަނީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ ދައުރު ފުރިހަމަކުރެއްވި ޙަސަން ލަތީފަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޗެއަރޕާސަންގެ ދައުރުގައި ޕާޓީގެ ހަރުގެތަކަށް ދޫކުރަން ނިންމި ފައިސާގެ މަތީގައި އިށީނދެ އިންނެވީ ޙަސަން ލަތީފްކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

"އަމިއްލަފުޅަށް ނުކުރެއްވުނުކަމެއް އެހެން މީހަކު ލައްވާ ކުރެވޭނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. ޕާޓީއަށްދޭ ފައިސާ ބަހަން ޤައުމީ މަޖިލީހުން ނިންމީމާވެސް އެ ނުބަހާ އޭގެ މަތީގައި އިށީނދެވަޑައިގެން އިންނަވާފައި އެހެން މީހަކު ގެނަސް ދައްކާފައި މިވިދާޅުވަނީ މީނާއަށް ވޯޓުދޭށޭ. މީނާ ހިންގާނެއޭ. ހަރުގެވެސް ދޭނެއޭ." އަނދުން ޙުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން އިތުރަށް ވިދާޅުވީ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން ޕާޓީން މީހުން ވަކިކުރާ ވާހަކައާއި ވަޒީފާގެ ބިރުދައްކާ ވާހަކައަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު