އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް
އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް
ރާއްޖެއިން ބޭރަށް ޞިއްޙީ ފަރުވާ ހޯދުމަށް ކޮންމެހެން ދާންޖެހޭ 33 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާލެވޭތޯ ބަލަމުންދާކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާންޖެހޭ ވަރަށް ގިނަ ޢަދަދެއްގެ މީހުން އެބަތިބިކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޙާލަތަށް ބަލާ މިގޮތަށް ރާއްޖޭން ބޭރަށް ދިވެހިން ފޮނުވުމުގައި އެންމެ ބޮޑަށް ބަލާނީ މިވަގުތު ރާއްޖޭން ލިބެންނެތް ފަރުވާއެއް ހޯދުމަށް އަދި ކްރިޓިކަލް ޙާލަތުގައި ތިބި ދިވެހިންނަށްކަން މަރިޔަމް ޝަފީޤް ފާހަގަކުރެއްވިއެވެ.

އެގޮތުން ރޭޑިއޭޝަންގެ ޚިދުމަތާއި، ކޮންމެހެން ހަދަންޖެހޭ އެކި ކަހަލަ ސަރޖަރީތައް ހެދުމަށް ބޭރަށް ދާންޖެހޭ ފަރާތްތަކަށް އިސްކަންދޭނެކަމަށާއި، މިގޮތުން ފާހަގަވި 33 ފަރާތެއް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން ފޮރިން މިނިސްޓްރީއާއި ގުޅިގެން އިންޑިއާއާއި ލަންކާގެ ސަރުކާރާއި ވާހަކަދައްކައިގެން، ދިވެހިންނަށް އެ ޤައުމުތަކަށްގޮސް ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ. މިގޮތަށް ފޮނުވާ މީހުންގެ ތެރޭގައިވެސް ބޮޑަށް އިސްކަންދޭނީ ކޮންމެހެން ރާއްޖޭން ބޭރަށްދާންޖެހޭ ފަދަ ކްރިޓިކަލް ޙާލަތުގައި ތިބި ދިވެހިންނަށް. މިގޮތަށް ފުރާނާލެވުނު 33 ދިވެއްސަކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މިދަނީ ބަލަމުން." މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އަވަށްޓެރި ގައުމުތައް ލޮކްޑައުން ކުރުމާއެކު އެ ގައުމުތަކުގައި ބޭސްފަރުވާއަށް ގޮސް ތިބި ގިނަ ބަޔަކުވެސް ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން