އައްޑޫޫ ސިޓީގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލް- ސަރުކާރުން ވަނީ އުތުރާ ދެކުނުގައި އޮކްސިޖަލް ރީފިލް ކުރުމުގެ ޚިދުމަތް ފުޅާ ކުރަން މަސައްކަތް ފަށާފައި
އައްޑޫޫ ސިޓީގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލް- ސަރުކާރުން ވަނީ އުތުރާ ދެކުނުގައި އޮކްސިޖަލް ރީފިލް ކުރުމުގެ ޚިދުމަތް ފުޅާ ކުރަން މަސައްކަތް ފަށާފައި
ރާއްޖޭގެ އުތުރާއި ދެކުނުގައި ކްރިޓިކަލް ކެއަރ ދިނުމަށް ބޭނުންވާ އޮކްސިޖަން ރިފިލް ކުރެވޭނެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، ކްރިޓިކަލް ކެއަރ ދިނުމަށް ބޭނުންވާ އޮކްސިޖަން ރީފިލް ކުރެވޭނެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އައްޑޫގައި މިހާރުވެސް ހުރި އޮކްސިޖަން ޕްލާންޓު ގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ބޫސްޓަރ ބޭރުން ގަނެ ގެނައުމަށް މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ކުޅުދުއްފުށީގައި މިފަދަ ޕްލާންޓެއް ޤާއިމްކުރުމަށް މަސައްކަތް ކުރިޔަށް ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މާލެ އާއި ރާއްޖޭގެ އުތުރުންނާއި ދެކުނުން، މި ތިން ސަރަހައްދުން އޮކްސިޖަން ރިފިލް ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުން" މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބުރޫކް ވިދާޅުވީ ކޯވިޑް-19 ގައި ޙާލުބޮޑުވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެގޮތް އަތޮޅުތަކުގައި ތަރައްޤީކުރަމުންދާ ފެސިލިޓީތައް ޖޫން މަހުގެ 15 އާއި ހަމަޔަށް ނިންމައި ޚިދުމަތްދޭން ފަށާނެކަމަށެވެ. އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ތަފްސީލް ދެއްވަމުން މަބުރޫކް ވިދާޅުވީ ތައްޔާރުކުރަމުންދާ ފެސިލިޓީތައް އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިޔަށް ދަނީ މިތަންތަނުގެ ބެކްއަޕް ޖެނެރޭޓަރުތައް ބެެހެއްޓުމުގެ މަސައްކަތްކަމަށެވެ.

މިމަސައްކަތްތައް ނިމި، މިފެސިލިޓީތަކަށް ބޭނުންވާ އެކި މެޝިންތަކާއި އިކުއިޕްމަންޓުތައް އަދި ފަރުނީޗަރާއި، އެހެނިހެން ސާމާނު ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިޔަށް ދާކަމަށާއި، މިގޮތުން އުތުރުގެ ރަށްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާ ނިމިފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ތަކެތި ފޮނުވުމަށް މާލެއިން މިހާރު ފުރާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ސަރުކާރުން އަތޮޅުތެރޭގައި ކޯވިޑް-19 ޖެހި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ފެސިލީޓީތައް ތަރައްޤީކުރަނީ އައްޑޫ ސިޓީ ހިތަދޫ، ފުވަމުލައް، ގދ ވިލިނގިލި، ލ. ގަން، ބ. އޭދަފުށީ، ށ ފުނަދޫ، އަދި ހއ. އިހަވަންދޫގައެވެ. ކޯވިޑް-19ގައި ޙާލުބޮޑުވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ގޮތް އަތޮޅުތަކުގައި ހަމަޖެއްސުމަށް 100 އައިސީޔޫ އެނދާއި، 130 ހޮސްޕިޓަލް އެނދު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން