ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 7 ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައިސިނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ހާއްސަކޮށް ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު