ޑރ. މުުނައްވަރު
ޑރ. މުުނައްވަރު
ކަމެއް ދިމަވާ ކޮންމެ ފަހަރަކު ގާނޫނު އަސާސީއަށް ބަދަލު ގެންނަ ނަމަ ގާނޫނު އަސާސީގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަށް ކުރީގެ ބަންޑާރަ ނައިބް ޑރ. މުހަންމަދު މުނައްވަރު ފާޑުވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ދުވަހަށް ނުބޭއްވި ދިއުމުން މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ހަމަވާތީ އަންނަ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ހުށައަޅާފައިވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނަސްގެން އެހުސްކަން ފޫބެއްދުމަށެވެ.

މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ކުރިއަށްދާން ދަތި ވުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ލަފައެއް ވެސް ހޯދާފައެވެ. މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނަސް އިންތިގާލީ އިންތިޒާމެއް ހަމަޖައްސައިގެން އެމައްސަލައަށް ފަރުވާއެއް ހޯދުމަށެވެ.

މިކަމަށް އިޝާރާތް ކުރައްވައި އެމްޑީޕީގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުނައްވަރު ވިދާޅުވީ "ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އަމަލު ނުކޮށް ގާނޫނުއަސާސީއަށް ބަދަލު ގެންނަ ނަމަ ގާނޫނުއަސާސީގެ ބޭނުމެއް ނެތް" ކަމަށެވެ.

ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފަޔާއިއެކު މަޖިލީހުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ދެއިސްލާހެއް ހުށައަޅާ މިހާރު ވަނީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީއަކުން އެ އިސްލާހުތައް ފާސްކޮށްފައެވެ. އަދި އެ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނު އަސާސީއަށް އިސްލާހުގެނައުމުގެ ބިލު ފާސްކުރުމަށް މާދަމާރޭ މެންދަމު ބާއްވާ ޖަލްސާއަށް މިހާރު ވަނީ މިމައްސަލަ ތާވަލުކޮށްފައެވެ. މާދަމާރޭ ޖަލްސާ ބާއްވައި ގާނޫނު އަސާސީއަށް މިއިސްލާހު ގެންނަނީ މި ޖޫން މަހުގެ ދެވަނަ ދުވަހަކީ މިހާރު ހިނގަމުންދާ ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީޚަށްވާތީ އެތާރީޚާއި ހަމައަށް ގާނޫނީ ފަރުވާއެއް ނުލިބިއްޖެ ނަމަ މިހާރު ހިނގަމުންދާ ކައުންސިލަރުންގެ ދައުރު ނިމި ގާނޫނީ ހުސްކަމެއް އަތުވެދާނެތީއެވެ.

މިކަމާ ދެކޮޅު ހަދަމުން ގެންދާ އިދިކޮޅު ފަރާތްކުން ބުނެފައިވަނީ މި މައްސަލައަކީ ކުއްލިއަކަށް ފެންމަތިވި މައްސަލައެއް ނޫން ކަމަށާއި މިކަން ކުރަން އެކަށީގެންވާ ވަގުތު ލިބިފައި އޮތް ނަމަވެސް ގަސްތުގައި އެކަން ނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން ފަސްކުރެއްވީ ކަމަށެވެ. އަދި މިހާރު ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކީވެސް ސުޕްރީމް ކޯޓުން ދިން ލަފަޔާއި އެއްގޮތަށް ގެންނަ އިސްލާހެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށްވެސް އިދިކޮޅު މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން