ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ލަޠީފް އަނބުރާ ރާއްޖެ ގެންނެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގެންނެވުމަށް ނިންމަވައި، އެކަން މަޖިލީހަށް މިއަދު ހުށަހަޅުއްވާފައެވެ.

ރައީސް އޮފީހުން ފޮނުއްވި ސިޓީފުޅުގައި ވަނީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަޙްމަދު ލަޠީފް، ހ.ސީވީޑް، އަނބުރާ ގެންނެވުމަށް ނިންމަވައި، އެ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، އެމަޤާމަށް،، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު، ގ.ޕެންޒީމާގެ، ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްުޔާ ނިންމަވާފައިވާކަމަށެވެ.

މިމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ވަނީ ހާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް އަނބުރާ ރާއްޖެ ގެންނެވުމަށް ސަރުކާރުން ނިންމި ސަބަބެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާއަކީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ ހަސަން ލަތީފުގެ ބޭބޭފުޅެވެ. އަދި ޢާއިޝަތު ޝާން ޝާކިރަކީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅާއެވެ. އޭނާ ވަނީ މީގެކުރިން ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

ޒަކީ

25-Apr-2022

ޝާން ހަމަ ވަރަށެް ގާބިލު ބޭފުޅެއް. މަރުޙަބާ ޝާން!