ކުރީގެ ރައީސް ޔާމިން އެމަނިކުފާނުގެ ރަނިންމޭޓަށް އައްޔަންކުރެއްވި ޑރ.މުހަންމަދު ޝަހީމް އަށް ލިޔުން ހަވާލުކޮށްދެއްވަނީ
ކުރީގެ ރައީސް ޔާމިން އެމަނިކުފާނުގެ ރަނިންމޭޓަށް އައްޔަންކުރެއްވި ޑރ.މުހަންމަދު ޝަހީމް އަށް ލިޔުން ހަވާލުކޮށްދެއްވަނީ
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަ އޮއްބާލައި އަސްލު މުޖުރިމުން ފޮރުވަން ކޮށްފައިވާ ހުކުމެއް ކަމަށް ވިދާޅުވެ ޑރ. މުހަންމަދު ޝަހީމް ޢަލީ ސަޢީދު، ރައީސް މުހަންމަދު ނަޝީދާއި ވަރުގަދަ ސުވާލު ތަކެއް ކުރިމަތި ކުރައްވައިފިއެވެ.

ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ޖަލަށްލީ ނުހައްގުން ކަމަކަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ވިދާޅެއްނުވެވޭނެ ކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ރައީސް ޔާމިންގެ ރަނިންމޭޓް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ ރާއްޖޭގެ ތާރީޚުގައި ހިގާފައިވާ އެންމެ ބޭ އިންސާފު އަނިޔާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައވާ ޙުކުމަކީ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ޤާޟީ ޢަޒުލުކޮށް، ފަނޑިޔާރުންނަށް ނުފޫޒު ހިންގައިގެން ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ގޮތްތައް ފާޅުވާން އޮތް ޙުކުމެއް ކަމުގައި ވެސް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

"ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަ އޮއްބާލައި އަސްލު މުޖުރިމުން ފޮރުވަން ކޮށްފައިވާ ހުކުމެއް، ޤައުމުގެ އެތެރެއާއި ބޭރުގެ ދުޝްމަނުން ރުއްސަން ކޮށްފައިވާ ޙުކުމެއް" ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެއީ ވާ މަކުނު ގެއެއް ފަދަ އެއްވެސް އުރައްޕެއް ނެތް ކޯލިޝަންގެ އިސް ބައިވެރިންގެ ވަރުގަދަ ބަދަލު ހިފުމެއް." ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ސިފަ ކުރައްވަމުން ޑރ.ޝަހީމް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން ނެގިކަމަށް ބުނާ ފައިސާ އެ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި، ރައީސް ޔާމީން އަމިއްލަ އަށް އިސް ނަގައިގެން އެ ފައިސާ މާކުރިން ޙަވާލުކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.އަދި އެ ފައިސާއަކީ ދައުލަތުގެ ފައިސާ އެއްކަމެއް، ޙުކުމް ކުރުމާ ހަމައަށް އަދި އޭގެ ފަހުން ވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާފައިނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެހެން ބަޔަކު މީހެއްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކާ ގުޅިގެން، އަދި އެމީހާގެ އަމިއްލަ އިޚުތިޔާރުގައި، އެ ފައިސާގެ ޙަޤީޤަތް އެނގެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި އެ އަދަދުން ފައިސާ ބަހައްޓާފައި ވަނިކޮށް، އެމީހާގެ މައްޗަށް ޙުކުމްކުރުމަކީ އިންސާފުވެރި ޙުކުމެއްނޫން. ވީމާ އެ ޙުކުމް ޢަދުލުވެރިވާނެ އެއްވެސް ގޮތެއް ނުވިސްނޭ! އެއް މައްސަލައެއްގައި ތުހުމަތު ކުރެވޭ އެހެން އެންމެން ދޫކޮށް ވަކި މީހެއްގެ މައްޗަށް ޙުކުމް ކުރުމަކީ ދިވެހި ޤާޟާއީ ނިޒާމުގެ އިންސާފުގެ ތާރީޚުގައި ހިނގާނެ އެންމެ ބޮޑު އަނިޔާ." ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައި ވެއެވެ.

"ފަސާދައިގެ ހުކުމް އެބައެއްގެ މައްޗަށް ސާބިތުވެފައިވާ ޚަޞްމުންގެ ހެކިބަހަކީ އިސްލާމީ ޝަރުޢީ ނަޒަރުން ބަލާއިރު ޤަބޫލުކުރެވޭނޭ ހެކިބަހެއްތޯއެވެ؟" ޑރ. ޝަހީމް ރައީސް ނަޝީދާ ކުރިމަތި ކުރައްވާފައިވާ ސުވާލެއްގައި ވެއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވަނީ އެފައިސާ ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މީހުން ކޮބާއިތޯ ސުވާލު ކުރައްވައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ރާއްޖެ ގެނައުމަށް ރައީސް ޔާމިންގެ ސަރުކާރުން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތައް ރާއްޖެ ނުގެނެސް އެނޯޓިސް މި ސަރުކާރުން ކެންސަލްކޮށްލީ ކީއްވެތޯ ވެސް ސުވާލު ކުރައްވާފައެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޙުކުމްކޮށްފައިވާ ފަރާތްތައް މި ސަރުކާރުން ގޭގައި ބައިތިއްބައިގެން، މި ސަރުކާރުން ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ކީއްވެގެންތޯ؟ ފައިސާ ނެގިކަމަށްބުނެވޭ 200 މީހުން ކޮބައިތޯ؟ އެ ފައިސާ ކޮބައިތޯ؟ ކުރީގެ ރައީސް ނަޝީދު އަރިހުން ޑރ. ޝަހީމް އައްސަވާފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ތަހުގީގްކޮށްފިނަމަ އެމްޑީޕީގެ އިސްވެރިން ފަޟީޙަތްވާނެ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު މަނިކުފާނުގެ ޕާޓީގެ ބޮޑުން ކޮބާ؟ ރިޝްވަތާއި ފަސާދައާއި ޙަރާމް ފައިސާއިން ހޯދާގަތް ވެރިކަމާއި ބާރެއްގައި އެއްވެސް ބަރަކާތެއް ނުހުންނާނެ! މަނިކުފާނަކަށް ވެސް މަނިކުފާނުގެ ސަރުކާރަކަށް ވެސް ކެރިވަޑައި ނުގަންނަވާނެ އެމްއެމްޕީއާރުސީގެ މައްސަލަ ބައްލަވަން. އެކަން ޢަދުލުވެރިގޮތުގައި ކޮށްފި ނަމަ އެންމެ ފުރަތަމަ ފަޟީޙަތްވެގެންދާނީ މަނިކުފާނުގެ ޕާޓީގެ ވެރިން. މިކަމަކީ އެންމެން ދަންނަ ބޮޑު ސިއްރު. ރައީސް ޔާމީންގެ ޙުކުމް މުރާޖަޢާ ކުރެވެންޖެހޭނެ، ރައީސް ޔާމީނަށް ލިބުނު އަނިޔާއަށް ބަދަލުވެސް ދޭންޖެހޭނެ! ރައީސް ޔާމީން ވަގުތުން މިނިވަން ކުރަންވެސް ޖެހޭނެ!" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވަނީ ރައީސް ޔާމިންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

"ރައީސް ނަޝީދު އެވެ! ބުނެލަން ބޭނުންވަނީ "ބަނޑުއި ހޫނު ކަމުގައި ޖަންގަލީގައި މަރުވަނީ ކިތައް ވަރުގަދަ ސިންގާ ހެއްޔެވެ؟" ރައީސް ނަޝީދު އެވެ! އަޅުގަނޑު މިވަގުތާ ހަމައަށް ވެސް ދެކެމުން އައީ މަނިކުފާނަކީ ވަރަށް "އިންސާނީ ކުލުނު" ހުންނަ ބޭފުޅެއްކަމަށެވެ. ވަރަށް އިޚުލާޞްތެރިކަމާއެކު އެދި ބުނަމެވެ. ރައީސް ޔާމީން މިނިވަންކުރައްވާށެވެ. ޤާނޫނީ ޢަދުލުވެރިކަން ހިންގާށެވެ! ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅު ރަނގަޅެއް ނޫނެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާށެވެ! އެކަން ކުރެއްވޭނެ ބޭފުޅަކީ މަނިކުފާނެވެ!" އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. ޝަހީމް ފޭސްބުކްގެ ޕޯސްޓް ނިއްމަވާ ލައްވަމުން ލިޔުއްވާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަރަށް ފަހުން ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޣައްސާން މައުމޫން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު މިއަދު ވިދާޅު ވެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ އިންސާފުން ނޫންކަމަށް ރައީސް މައުމޫނަށް ވިދާޅު ނުވެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން