މި ސަރުކާރުން ޚިޔާނާތްތެރިވުމަށް ޖާގަ ނުދޭނެކަމަށާއި، އަނިޔާވެރި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވީ ސަރުކާރަށް އިތުބާރު ލިބޭނީ އެމްއެމްޕީއާރުސީ މައްސަލައާއި ވެންޓިލޭޓަރުގެ މައްސަލަ ބަލައިގެންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއާއި އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ހިޔާނަތްތެރި ނުވުމާއި އެކަކު އަނެކަކު ތަފާތު ނުކުރުމާއި އަނިޔާވެރި ނުވުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަސްފުޅާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން ޚިޔާނާތްތެރިވުމަށް ޖާގައެއް ނުދޭނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ފުރިހަމަބާރާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި އެފަރާތްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާނީ އެމްއެމްޕީއާރުސީ މައްސަލައާއި ވެންޓިލޭޓަރު މައްސަލަ ބަލައިގެން ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރަމުންދާ ދުވަސްވަރެއްގައެވެ. ރައީސް ނަޝީދު މިފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް މަސްވެރިންނަށް ވީވައުދު ސަރުކާރުން ނުފުއްދާކަމުގެ ތުހުމަތު ކުރައްވާ އެކިކަހަލަ މެސެޖުތައް މީޑިއާއަށްވަނީ ދޫކުރައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެ މުޅި ޕާޓީ ވަނީ ދެބައި ވެފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާއީދާއެކު ދެ ބޭފުޅަކު އިންތިހާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާއީ ބޮޑެތި ތުހުމަތުތައްވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު