ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް (މ)
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް (މ)
އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިނުން ހޮވި އޭޝިއާގެ "ޑިޕްލޮމެޓް އޮފް ދަ އިޔާ" އެވޯޑް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް ޙާސިލުކުރަށްވައިފިއެވެ.

1947 ވަނަ އަހަރުންފެށިގެން ނެރެމުން އަންނަ "ޑިޕްލޮމެޓް މެގަޒިން" އަކީ ދުނިޔޭގެ ޚާރިޖީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚަބަރުތައް ގެނެސްދިނުމަށް ޚާއްސަކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. ޑރ. ފަރަހަނާޒަށް އެވޯޑް އަރުވާފައިވަނީ 25 އޭޕްރީލް 2022 ގައި ބޭއްވި އައި.އެޗް.ޖީ ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑް ޙަފްލާގައެވެ. މިއީ މި އެވޯޑް ދޭތާ 12 ވަނަ އަހަރެވެ.

ޑރ.ފަރަހްނާޒް އޭޝިއާގެ "ޑިޕްލޮމެޓް އޮފް ދަ އިޔާ" އެވޯޑް ޙާސިލުކުރެއްވީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓުންނާ ވާދަކުރަށްވައެވެ. މި އެވޯޑަށް އިނގިރޭސިވިލާތުގައި ޤާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުން ވޯޓު ދެއްވާފައިވެއެވެ. މިކާމިޔާބީއާއި ގުޅިގެން ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ވަނީ ޑރ. ފަރަހަނާޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަޙަތު ކުރިއެރުވުމަށް ޑރ. ފަރަހަނާޒް ކުރައްވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ.



އެވޯޑް ލިބިވަޑައިގަތުމުން ޑރ. ފަރަހަނާޒް ވިދާޅުވީ ރާއްޖެއަށް ޚިދުމަތްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވާކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރަށާއި ޚާރިޖީ ޓީމަށްވެސް އެކަމަނާވަނީ ޝުކުރު ދަންނަވާފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. ފަރަހަނާޒް އެންމެފުރަތަމަ ޢައްޔަންކުރެއްވީ 2009 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު އޭރުގެ ސަރުކާރު ބަދަލުވުމާއެކު މަޤާމު ގެއްލުނު ނަމަވެސް 2019 އެޕްރީލް 18ގައި ފަރަހަނާޒަށްވަނީ އަލުން އެ މަޤާމް ދެއްވާފައެވެ.

ޑރ. ފަރަހަނާޒް ވަނީ ޑެންމާކް، ފިންލެންޑް، ފްރާންސް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުގެ މަގާމު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު