އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވައި ރައީސް ޞާލިޙް ނެރުއްވި ޤަރާރު ބާތިލު ކުރުމަށް އިދިކޮޅުން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ނެެރުއްވި ރިޔާސީ ޤަރާރެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއާއި ހިލާފު އަދި ބާތިލު ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިން އެ ކޯލިޝަނުން ވަނީ ޤަރާރުގެ މައްސަލަ މަޖިލީހަށްވެސް ހުށައަޅާފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވަނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުމުގައި އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަންވެސް ރައީސްގެ ޤަރާރުގައި ވިދާޅުވިއެވެ.

މި ޤަރާރުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކުގެ ދަށުން، ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމަށެވެ.

އެހެންކަމަުން ރާއްޖޭގެ ޤާނޫނުން މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ ޢަމަލުތަކެއް ކަމަށާއި އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަން އަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކައުތެރިކަމާއި އިޖުތިމާޢީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޤަރާރުގައި އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެކަމެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކުރައްވާ ރައީސްގެ ގަރާރުގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު