ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ބައެއް އާލާތްތައް ހަދިޔާކޮށްފިއެވެ.

ހުޅުމާލެ ކޯސްޓްގާޑު ހާބަރ ސަރަހައްދުގައި އެޕްރީލް 27 ވަނަ ދުވަހު ހަވީރު މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެ ރިބްއާއި، ކޯސްޓްގާޑު އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި، މެރިޓައިމް ޑޮމެއިން އެވެއަރނެސްއަށް ބޭނުންވާ ބައެއް އާލާތްތައް ވަނީ ހަދިޔާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ޔޫއެންއޯޑީސީ ޕްރޮގްރާމް ކޯޑިނޭޓަރ ޕަރނިލް ރަސްމުސެން އަދި ޖަޕާންގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޕާން ސަރުކާރު އަދި ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ވަނީ ފޯރުކޮށްދެއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނީޓަރކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަޞީލަތްތައް ފޯރުކޮށްދެއްވާފައިވެއެވެ.

އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ޙަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސަރޗް އެންޑް ސީޒަރ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފަރާތްތަކުން ދެއްވާފައިވާ އެހީގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޤާބިލިއްޔަތުކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީއާއި، ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ޕަރނިލް ރަސްމުސެންގެ އިތުރުން ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު ހަނދާނީފިލާ ވަނީ ބަދަލުކުރެވިފައެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަނަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން