ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދު
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދު
ވިއްސާރައިގައި ދަނޑުބިންތަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ ގޮތެއް ނިޒާމުގެ ތެރޭގައި ހަމަޖެހިފައި ނެތް ކަމަށާއި މިހާތަނަށް ވެސް ދަނޑުވެރިންނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެވިފައި ނުވާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޢެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންްގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުންނެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ވިއްސާރައިގައި ކޮންމެ އަހަރަކުވެސް ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ގެއްލުން ލިބި، ހާއްސަކޮށް ދަނޑުވެެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި، އެހެން ނަމަވެސް ނިޒާމު ހަމަޖެހިފައިވާ ގޮތުން ދަނޑުވެރިންނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"ހުޅަނގު މޫސުމުގައި އުދަ އެރުމުގެ ސަބަބުން ވެސް ދަނޑުބިންތަކަށް ލޮނު އަރައި ފެންބޮޑުވުމުގެ ސަބަބުން ވެސް ދަނޑުބިންތަކަށް ގެއްލުންވަމުން ދަނީ، މިއީ އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުމެއް، އެ މައުލޫމާތުތަށް އެކަން ދިމާވީމަ ރަށްރަށުން ފޮނުއްވާނެ. އެކަމަކު މި ނިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭނެ ކަމެއް ނޯވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ވެސް ދަނޑުވެރިންނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދަނޑުވެރިންނަށް އެހީތެރިކަމެއް ފޯރުކޮށްނުދެވެނީ އެފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެއްްވެސް ކަހަލަ އިންޓަވެންޝަނެއް ކުރެވޭނީ، ފައިސާގެ ޕްރޮޖެކްޓެއް ކުރިއަށްދާ ވަގުތެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިހާރު ވިސްނުން ހުރީ ދަނޑުވެރިކަމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ދަނޑުވެރިންނަށް އިތުރު ފުރުސަތު ދީގެން އެމީހުން ދަނޑުވެރިކަމުގެ ތެރެއަށް ވެއްދުމަށްޓަކައި، އަނެއްކާވެސް އެމީހުން ކުރި މަސައްކަތް ރުޖޫއަ ކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޒަހާ ވިދާޅުވިއެވެ. މީގެއިތުރުން ދަނޑުވެރިންގެ އިންޝުއަރެންސް ސްކީމެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޒަހާ ވިދާޅުވީ މީގެކުރިން ސަރުކާރުން 40 މިލިއަން ރުފިޔާ ލައިގެން އެފަދަ ސްކީމެއް ތައާރަފު ކުރި ނަމަވެސް، އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ކަމަށެވެ.

"ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އަންނަންޖެހޭ، އެކަން ކުރެވޭނީ ދައުލަތުގެ ބަޖެޓުން ވެސް ފައިސާތަކެއް ލެވިގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިހާތަނަށް 75 ރަށަކަށް އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް ރައްޔިތުންްގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން