ޝަރުޢީ ދާއިރާގެ ގިނަ އިދާރާ ތަކެއް ހިނގަމުންދާ ތީމުގެ އިމާރާތް (ރަސް ފޮޓޯ- ޝާހް)
ޝަރުޢީ ދާއިރާގެ ގިނަ އިދާރާ ތަކެއް ހިނގަމުންދާ ތީމުގެ އިމާރާތް (ރަސް ފޮޓޯ- ޝާހް)
ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސްގެ އިތުރުން، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެހެނިހެން މުސާރަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެނިއްމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރައީސާއި ނާއިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ.ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގެ އެކަނި ކަމަށާއި އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއްނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނާއިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެމައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެކަމާގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާތީ، ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން ގޮތަކަށް އެ މަގާމުތަކުގެ މުސާރަ އާއިި އިނާޔަތްތައް ވެސް ކުޑަ ނުކުރެވޭނެ ކަމަށް ހަލީމްގެ މައްސަލައިގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގައި ހަލީމް އެދިވަޑައިގެންފައި ވަނީ ރައީސާއި ނާއިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް ހަލީމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން