ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ބަޣާވާތާ ދެކޮޅުކަމަށް ބުނެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ އިމްތިޔާޒް ފަހުމީގެ ޓީމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު މެންބަރު ނިހާދު މިފަދަ މޭރުމަކުން އިންތިގެ ޓީމަށް ރައްދު ދެއްވާފައިވަނީ އިންތިގެ ޓީމުން 2023 ގެ އިންތިޚާބު ރައީސް ޞާލިޙަށް ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރަށްވަމުންނެވެ. ނިހާދު ވިދާޅުވީ 2023ގެ އިންތިޚާބު ޕީޕީއެމަށް ދިނުމަށްފަހު 2028 އެމްޑީޕީއަށް ކާމިޔާބުވާނެކަމަށް ޖަހާ ހިސާބު ރަނގަޅުނޫން ކަމަށެވެ.

އޭގެ އިތުރުން ނިހާދު ވިދާޅުވީ ޕާޓީގެ ހުރިހައި މެމްބަރުންނަށް ވަގަށް ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެމީހަކަށް ތާޢީދުކުރާ މަދު މީހުން ނޫން އެހެން ހުރިހައި މެމްބަރުންނަށް ވަގަށް ގޮވުމަކީ އެއްވެސް ހާލެއްގައި މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ނެތޭ ވެވޭކަށް ބާޣީ އަކަށް." މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮވެގެން އައި މި ސަރުކާރުގެ ބޮޑެތި ގޯސްތަކެއް ހުރިކަމަށާއި ސަރުކާރު ނުހިނގާކަމަށާއި ރާއްޖޭގައި ހިންގަން ބުނި ތަރައްގީގެ މަޝްރޫއުތައް ވެސް ނުހިނގާކަމަށް ބުނެ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދުގެ ފެކްޝަނުންދަނީ ތުހުމަތު ކުރަމުންނެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތްކަމަށާއި ސަރުކާރަކީ ފެތެމުންދާ އޮޑިއެއްކަމަށާއި އެ އޮޑިން އެމްޑީޕީ ފައިބަން ޚުދު ރައީސް ނަޝީދު ވެސް ވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ދެ ފެކްޝަނަކުން ވާދަކުރާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ޓީމުން ބުނަމުންދަނީ، އެ ޓީމުން ބޭނުންވަނީ އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީއެއްގެ ގޮތުގައި އޮންނަން ކަމަށެވެ. އަދި އެ ސިފަ އެ ޕާޓީގައި ޖެއްސުމަށްކަމަށެވެ. ނަމަވެސް، ފައްޔާޒުގެ ވާދަވެރިޔާ އިމްތިޔާޒު ފަހުމީގެ ޓީމުން ބުނަމުންދަނީ، އެމްޑީޕީގެ ސަރުކާރެއްގައި ހުރެގެން ނުވާނެ އެތައް ސިފައެއް މިސަރުކާރުން ފެންނަކަމަށާއި އެކަންކަން ހުއްޓުވަންޖެހޭކަމަށެވެ.

އިންތިގެ ޓީމުން މިފަދަ ވާހަކަތައް ތަކުރާރުކޮށް ދައްކާ މިންވަރު އިތުރުވެފައިވާތީ، އެމްޑީޕީގެ ބައެއް މެންބަރުން ދަނީ، ރައީސް ނަޝީދުގެ ފެކްޝަނަކީ އިދިކޮޅު ޕާޓީއެއްގެ ގޮތަށް މަސައްކަތް ކުރާ ބައެއްކަމަށް ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު