ރޭގެ ހަމަނުޖެހުމަށްފަހު ޝިޔާމު އޭޑީކޭގައި ފަރުވާ ހޯދަނީ
ރޭގެ ހަމަނުޖެހުމަށްފަހު ޝިޔާމު އޭޑީކޭގައި ފަރުވާ ހޯދަނީ
ގާނޫނުއަސާސީ އިސްލާހުކުރުމަށް ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު، ވިދާޅުވީ ރޭގެ ހަމަނުޖެހުންތަކުގައި ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށެވެ. އަދި ޝިޔާމް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އެހެން ނަމަވެސް ހަތަރު ހަފުތާ އަށް އަރާމު ކުރުމަށް ޑޮކްޓަރުން އަންގައިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ރޭގެ ހާދިސާއަށްފަހު ޝިޔާމްގެ ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި ހުރިތަން އޭޑީކޭ ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯތަކުން ހާމަވެއެވެ. ޝިޔާމަށް އަނިޔާވީ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމަށް ސާޖެންޓް އެޓް އާމްސްއާއި އެމްޑީޕީގެ މެމްބަރުން މަސަައްކަތް ކުރުމުގެ ތެރޭގަައެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމް މަޖިލީހުގެ ތެރެއަށް ވެއްޓިވަޑައިގެން ގަމީސްކޮޅު ވެސް އިރައިގެންދިޔައެވެ. މި ހަމަނުޖެހުމުގައި އެމްޑީޕީ އާއި އިދިކޮޅުގެ ބައެއް މެމްބަރުންނަށް ވެސް ވަނީ އަނިޔާ ލިބިފައެވެ. ޝިޔާމާ މެދު މާރާމާރީ ހިންގި މައްސަލަ އޭނާ ވަނީ ފުލުހުންނަށް ވެސް ހުށައަޅާފައެވެ


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން