"އިންޑިއާ އައުޓް" ކެމްޕެއިންގެ ބެނާ ހަރުކުރި އިމާރާތްތަކުގެ ވެރިން ފުލުހަށް ހާޒިރުކުރަން ފަށައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް ޞާލިޙްވެސް ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ހަރަކާތެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމަވާފައިވާތީ އެހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ގަރާރެއް ނެރެފައެވެ.

އިންޑިއާ އައުޓް ބެނާ ދެމި މައްސަލައިގައި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ ވެރިފަރާތް މިއަދު 14:30 އަށް ފުލުހަށް ވަނީ ޙާޟިރުކޮށްފައެވެ. އޭގެ އިތުރުން އެ ކެމްޕޭނަށް ތާޢީދުކޮށް ބެނާ ދެމި މައްސަލައިގައި ގ.ހޭޅި ގޭގެ ވެރިފަރާތްވެސް މިއަދު 17:00 އަށް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލާގައި ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާގޭގެ ވެެރިޔާ ހުސައިން ރަަޝީދަށް ފޮނުވި އެންގުމެއްގައި ފުލުހުން ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށް އެންގުމުގައި ބުނެފައިވެއެވެ.

އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުންވެސް ވަނީ ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު