ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް
ދެރައީސުންވެސް ވަނީ ރައްޔިތުންނަށް އޮޅުވާލައްވާފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުالله ޔާމީން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ދަޢުލަތް ހިންގުމުގައި މިއަދުގެ ޙާލަތަކީ ދެ ރައީސަކު ރައްޔިތުންނަށް އޮޅުވާލާފައިވުން ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް އިންތިޚާބުވެފައިވަނީ އިންތިޚާބެއްގެ ނަތީޖާ އޮޅުވާލައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙަކީ އެ އިންތިޚާބުގެ ނާޖާއިޒް މަންފާ ލިބިގަތް ފަރާތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރައީސްކަމުގެ ހުވާ ކުރަށްވާފައި ކަމަށާއި ރައީސް ޞާލިޙަށް މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ ނައިބު ރައީސް އެމަޤާމަށް ޢައްޔަނުކޮށްފައިވަނީ ސުޕްރީމް ކޯޓުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މިހާރު އެނިންމުން އަނބުރާ ރުޖޫޢަކުރީތަ؟" ރައީސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.



ރައީސް ޔާމީން އިޝާރާތް ކުރަށްވާފައި އެވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތައިރޮއިޑް ސަރޖަރީއެއް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ ހަވާލު ކުރަށްވާފައިވާތީ އެ ނިންމެވުމަށެވެ. ނައިބް ރައީސް ފައިސަލް ނަސީމް ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެކަމުގެ ހުވާ މަޖިލީހުގެ އިދާރާގައި ކުރައްވާފައެވެ.

ނަމަވެސް ތިންގަޑިއިރާއި ތިރީސް މިނެޓަށްފަހު ރައީސް ޞާލިޙް ވަނީ ރައީސްކަމުގެ ބާރުތަކާ ރަސްމީކޮށް އަލުން ހަވާލުވެވަޑައިގެންފައެވެ. ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ހުވައާއި ގުޅިގެން ސުވާލު އުފައްދާފައެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު