މިއަދު ކުރިއަށްދިޔަ އިޙްތިޖާޖްގެ ތެރެއިން
މިއަދު ކުރިއަށްދިޔަ އިޙްތިޖާޖްގެ ތެރެއިން
މުސާރަ ބޮޑުކުރާނެ ތާރީޚެއް ހޯދުމަށް ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަނުން މިއަދު އިޙްތިޖާޖްކޮށްފިއެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތްތައް ލަސްވާތީ މުސާރައިގެ މައްސަލައަށް ޙައްލެއް ލިބޭނެ ތާރީޚެއް ހޯދުމަށް ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަނުން މިއަދު ވަނީ ދަޢުލަތުގެ މާލީ ވުޒާރާގެ ދޮރުމަތީގައި ހިމޭން އިޙްތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ.

މި އިޙްތިޖާޖްގައި ބުނެފައިވަނީ މިހާރުވެސް މާލަސްވެއްޖެ ކަމަށާއި ސިއްޙީދާއިރާގެ މުސާރައަށް ބަދަލު އަންނާނެ ސީދާ ތާރީޚެއް ދިނުމަށެވެ.



ދާދިފަހުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެމަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެކަމަށެވެ.

ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން "ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ނުނިމޭނެކަމަށާއި، އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން އެމަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.

ފިނޭންސް މިނިސްޓަރުގެ އިތުރުން ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް ތަޢުލީމީ ދާއިރާގެ އިތުރުން ޞިއްޙީ ދާއިރާއާ އެނޫންވެސް ދާއިރާތަކުގެ މުސާރަތަކަށް ބަދަލު އަންނާނެކަން ވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު