ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއާއި އިންޑިއާގެ އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

"ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް." އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެސްޓީއޯއިން ވެފައިވާ ކަމަށެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކުރީޓަށް ވުމާއިއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރުވަނީ ގާއިމް ކޮށްފައިކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން