އެމްއެންޕީގެ ކެމްޕޭން ޙަރަކާތެއްގެ ތެރެއިން
އެމްއެންޕީގެ ކެމްޕޭން ޙަރަކާތެއްގެ ތެރެއިން
ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން ގޮވާލައިފިއެވެ.

އެމްއެންޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އުފެދިގެން ދިއުން ކަމަށެވެ.

އެގޮތުން، އަމިއްލަ ފަރުދަކުވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ބަޔާނުގައިވެއެވެ. އޭގެއިތުރުން ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ވަކިފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން އެހީތެރިވާންވާނެކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެމްއެންޕީން ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން 15 އަހަރު ވެގެންދާއިރު، ދިވެހިރާއްޖޭގައި އަދިވެސް ރައްޔިތުން އެދޭފަދަ މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމްވެފައިނުވާކަމުގެ ޝަކުވާއަކީ ގިނަ ރައްޔިތުން ކުރަމުންދާ ޝަކުވާއެއް ކަމަށެވެ. މިފަދައިން ރައްޔިތުން ޝަކުވާ ކުރަނީ ޝަރުއީ ދާއިރާގެ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

"އެގޮތުން، ޝަރުއީ ދާއިރާ މިނިވަންކުރުމަކީ މި ސަރުކާރުންވެސް ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަމަށްވެފައި، ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް މި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، މި ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ." އެމްއެންޕީގެ ބަޔާނުގައިވެއެވެ.

ހަމަ އެފަދައިން، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށްވެސް އެމްއެންޕީން ބުނެފައިވެއެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަރާތްތަކަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.

"މީގެ އިތުރުން، ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރުމުގައި ނުފޫޒުތަކަށް ނުލެބި، އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް މިޕާޓީން ދެކެމެވެ. އަދި ހަމައެއާއެކު، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހްޒީބް މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް މިޕާޓީން ނުދެކެމެވެ." އެމްއެންޕީގެ ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާނަމަ، އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްކަމަށް އެޕާޓީން ނުދެކޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު