ވޮރަންޓް އޮފިސަރ ބޭސިކް ކޯސް 5 ގެ ދަސްވެނިން
ވޮރަންޓް އޮފިސަރ ބޭސިކް ކޯސް 5 ގެ ދަސްވެނިން
ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް, ސީޑީއެސްއެސް އިން ހިންގި "ވޮރަންޓް އޮފިސަރ ބޭސިކް ކޯސް 5" ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ކޯހަކީ، ޤާބިލްކަމާއި އިތުބާރާއެކު މަސްޢޫލިއްޔަތު އަދާކުރުމަށް ވޮރަންޓް އޮފިސަރުންނަށް ބޭނުންވާ ޢިލްމާއި ހުނަރު ލިއްބައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ކޯހެއްކަމަށެވެ. މިގޮތުން، މި ކޯހުގައި ޓެކްޓިކަލް އަދި ޓެކްނިކަލް ޕްރޮފިޝެންޓް ލީޑަރުންގެ ގޮތުގައި އެމްއެންޑީއެފްގެ ދާއިރާތަކުގައި ވޮރަންޓް އޮފިސަރުންނަށް ލިއްބައިދޭން ޖެހޭ ޚާއްޞަ ތަމްރީނުތައް ދީފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ 16 އިން މޭ 14 އަށް ހިންގި މި ކޯހުން 14 ވޮރަންޓް އޮފިސަރުން ދަސްވެނިވުނުއިރު، ކޯހުގެ ދަރިވަރުން ވަނީ 8 އެވޯޑެއް ހާސިލުކޮށްފައެވެ. މި ކޯހުގެ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ ޑިސްޓިންގްއިޝްޑް އޮނަރ ގުރެޖުއޭޓް އެވޯޑް ހާސިލުކުރީ، ވޮރަންޓް އޮފިސަރ 1 މުޙައްމަދު ޢަލީއެވެ. މި އެވޯޑުގެ އިތުރުން އޭނާ ވަނީ، ކޯހުގެ އެކަޑަމިކް އެވޯޑު ވެސް ހާސިލްކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ކޯހުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓްތައް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙުމާން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ސީޑީއެސްއެސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ. ކޯހުގެ ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް އޮފިސަރ ޓްރެއިނިންގ ވިންގގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އިބްރާހީމް ޝާހިދެވެ.

މި ކޯހުގެ ފައިނަލް އެކްސަސައިޒް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ލ.ކައްދޫގައި ކުރިއަށް ގެންދިޔައިރު، ކޯހުގެ އެހެނިހެން ހުރިހާ ބައިތަކެއް ކުރިއަށް ގެންދިޔައީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިން މުހިންމު ބައިތަކުގެ ތެރޭގައި، މެރިޓައިމް ސްޓަޑީޒް، ލީޑަރޝިޕް އެންޑް ކައުންސިލިންގ، ލީގަލް ސްޓަޑީޒް، ވޯ ފައިޓިންގ އެންޑް ޓެކްޓިކްސް، މިލިޓަރީ ސްޓަޑީޒް، ޕްރިންސިޕަލްސް އޮފް އިކޮނޮމިކްސް، ސްޓެޓިސްޓިކްސް، ކްރިޓިކަލް ތިންކިންގ، ޓްރެއިނިންގ މެނޭޖްމަންޓް، ލޮޖިސްޓިކް އެންޑް ޕަބްލިކް ފައިނޭންސް، ބޭސިކް ސްކިލްސް، ވެޕަން ޓްރެއިނިންގ، ފިޒިކަލް އެޑިޔުކޭޝަން، ވޯޓަރމަންޝިޕް އަދި ހެވިކަން ހިމެނެއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ސީޑީއެސްއެސްގެ ސީނިއަރ އޮފިސަރުންނާއި ކޯހުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން