ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން
ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން
ކޯވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން މިހެން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 2 މެންބަރުންނާއި، އެ ސިޓީގެ ކައުންސިލް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލު ވުމުގައި މިނިސްޓަރ އަމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އަމީން ވިދާޅުވިއެވެ. ހަމަ އެއާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ޙައްލުކުރުމަށް މިނިސްޓަރ އޮފް ފައިނޭންސް މަޝްވަރާކުރައްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިންވަނީ އެބޭފުޅުންނަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބައެއް މުހިންމު މަޝްރޫޢުތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން ފާޅުކުރައްވާފައިވެއެވެ. އަދި އެން.އައި.ސީ.ޔޫގައި ބޭނުންވާވަރަށް ވަޞީލަތްތައް ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ފާޅުކުރައްވާފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބް ރައީސް ވަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުންފިލުއްވާފައެވެ. އަދި އެ ސިޓީގައި ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތާއި، ޚާއްޞަކޮށް ހޮސްޕިޓަލުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މީގެއިތުރުން ކުޅުދުއްފުށީ ސިޓީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެސިޓީގެ އެކިދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ފެންވަރުރަނގަޅުކޮށް އަދި ޚަރަދުކުޑަކޮށް ކަންކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދައި އެގޮތްގޮތަށް މަސައްކަތްކުރެއްވުމަށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ޙިއްޞާކުރައްވަމުން ގެންދެވުމަށް އެމަނިކުފާނު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން