ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓްކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ވާގޮތުން މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެކެވެ.

އޭގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅު އެޅުމަށް އެފަދަ ޤަވާއިދެއް އެކުލަވާލާފައި އޮންނަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި އެކަމާއި ގުޅޭ ތަފްސީލް ރިޕޯޓެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ހުށައަޅަންޖެހެއެވެ.

މި ޤަވާއިދުގެ ދަށުން މަތީ ތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ޤާނޫނުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ އެފަދަ ކަންކަން ތަކުރާރުކޮށް ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެ 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގަވާއިދުގައިވާ ގޮތުން މަރުކަޒުތަކަށް އަންގާ އެންގުންތަކާ ޚިލާފުވެއްޖެނަމަ "ކޮލެޖްތަކާއި އިންސްޓިޓުއުޓްތަކުގެ ދަފްތަރު" ނުވަތަ "ޔުނިވަރސިޓީތަކުގެ ދަފްތަރުން" އެ މަރުކަޒެއްގެ ނަން އުނިކުރެވޭނެއެވެ.

މި ޤަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކޮށްފިނަ އެ ޖޫރިމަނާގެ ފައިސާ ދައްކަން ޖެހެނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޓްރަސްޓް ފަންޑަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން