ކުރީގެ ޗީފް އޮފް ޑިފެންސް، މޭޖަރ ޖެނަރަލް ރިޓަޔަރޑް ޖެނަރަލް އަހުމަދު ޝިޔާމް (މ)
ކުރީގެ ޗީފް އޮފް ޑިފެންސް، މޭޖަރ ޖެނަރަލް ރިޓަޔަރޑް ޖެނަރަލް އަހުމަދު ޝިޔާމް (މ)
ކުރީގެ ޗީފް އޮފް ޑިފެންސް، މޭޖަރ ޖެނަރަލް ރިޓަޔަރޑް އަހުމަދު ޝިޔާމްގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކޯޓުން ބޭރުކޮށްދޭން އޭނާގެ ފަރާތުން ޝަރީއަތުގައި އެދިއްޖެއެވެ.

ޝިޔާމަށް ދައުވާ ކުރަނީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝިޔާމްގެ ވަކީލުން ވިދާޅުވީ ސިފައިިންގެ ބޭފުޅުންނަށް އެހެން ދިމާވާ އެމަޖެންސީ ހާލަތްތަކުގައި ސިފައިންގެ އިމާރާތްތަކުގައި އާއިލާ މެންބަރުން ބެހެއްޓުމަކީ އެމްއެންޑީއެފްގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދި ޝިޔާމްގެ އިތުރުން އެމްއެންޑީއެފް އެހެން ސިފައިންނަށްވެސް މިބާވަތުގެ ލުއިތައް ދީފައިވާކަމަށް ޝިޔާމްގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެންޑީއެފުން ސިފައިންނަށް ތަންތަން ހަމަޖައްސަނީ ވަގުތީގޮތުން ކުދިކުދި ކަންކަމަށް ކަމަށެވެ. ނަމަވެސް ދެ އަހަރުގެ ދިގު މުއްދަތަކަށް އާއިލާ މީހަކު ބަހައްޓައި، އޭނާ ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓުން ތަފާތު ކަން ދަޢުލަތުން ފާހަގަކުރިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުން ވަނީ އަންނަ ބުރާސްފަތިދުވަހަށް ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން