ޑިފެންސް މިނިސްޓަރި މާރިޔާ އަހުމަދު ދީދީގެ ގޮކޮޅުގެ ދޮރުފަތުގައި "އިންޑިއާ އައުޓް" ލިޔެފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯއެއްގައި ފެންނަނީ ޑިފެންސް މިނިސްޓަރ މާރިޔާގެ ގެކޮޅުގެ ދޮރެއްގައި އޮރެންޖް ކުލައިގެ ސްޕްރޭއިން "އިންޑިއާ އައުޓް" ޖަހާފައިވާ މަންޒަރެވެ. ފުލުހުން ބުނީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. މިކަމާ ގުޅިގެން ރަސްމީކޮށް މިނިސްޓަރ މާރިޔާ އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން ވަނީ "އިންޑިއާ އައުޓް" ހަރަކާތަށް ބާރުލިބޭގޮތަށް ކުރާ ކަންކަން ބަލާ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅާ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ގަރާރެއްވެސް ވަނީ ނެރުއްވާފައެވެ.

މި ގަރާރު ނެރުނު ފަހުންވެސް މާލޭގެ އެކި ފާރުތަކުގައި ވަނީ އިންޑިއާ އައުޓް ޖަހައި ސްޕްރޭކޮށްފައެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލްގެ ފާރުވެސް ހިމެނެއެވެ. އަދި އިންޑިއާ އައުޓް ޖަހާފައިވާ ލިޔުންތައް ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މަގުތަކަށް ވަނީ އަޅާފައެވެ. އޭގެތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ ސަރަހައްދާއި އިންޑިއާ ހައިކޮމިޝަން ކުރިމައްޗާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތި ހިމެނެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވާ ފައްޓަވާފައިވާ މި ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިޔަށެވެ.



ކިޔުންތެރިންގެ ހިޔާލު