ފާތިމަތު އާމިރާ (ވ) ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މަގާމުގެ ލިޔުން ލިބިގަންނަނީ (ފޮޓޯ ރައީސް އޮފީސް)
ފާތިމަތު އާމިރާ (ވ) ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މަގާމުގެ ލިޔުން ލިބިގަންނަނީ (ފޮޓޯ ރައީސް އޮފީސް)
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، އާމިރާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވުމަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި އެއަށް ފަހު ކުރިން ވަކިކުރަން ނިންމާފައިި ތިބި ހަތަރު މެމްބަރުންގެ މައްސަލައާ އެއްކޮށް އާމިރާގެ މައްސަލަ ވެސް ކޮމެޓީން ނިންމުމަށް އޭނާ ވަނީ ހުށައަޅުއްވާފައެވެ.

އެ ހުށަހެޅުން ފާސްވީ ހަ މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެކަމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން ވަކި މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރައީސަށް ފޮނުވައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހެއެވެ.

މެމްބަރުން ވަކި ކުރުމާ ދެކޮޅަށް އެ ކޮމެޓީގައި ވާހަކަ ދެއްކެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަނި ކަން ފާހަގަކޮށްލެވެއެވެ. އޭނާ ވިދާޅުވީ ސީއެސްސީގެ ގިނަ މެމްބަރުންގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އަދި މެމްބަރުންނަށް ތުހުމަތުކުރާ ކަންކަމަށް ބަލާއިރު، ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރުން ރަނގަޅު ނޫން ކަމަށެވެ.

އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފައިވާއިރު އޭނާއަކީ މި ސަރުކާރު އައިފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަންކުރި މެމްބަރެކެވެ. އެ ކޮމިޝަންގައި ދެން ތިއްބެވި މެމްބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަންކުރި މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ.

ސީއެސްސީގެ ފަސް މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިިމް ޝަހީމު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން ވަނީ ނިއްމާފައެވެ. އެހެންނަމަވެސް އެކަމާ މެދު އަލުން ގޮތެއް ނިންމަން އެމަައްސަލަ ކޮމެޓީއަށް ފޮނުވުމުން ކޮމެޓީގައި އެމައްސަލަ އޮތީ މަޑުޖެހިފައެވެ.

ސީއެސްސީގެ މެމްބަރުން ވަކިކުރާތީ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން