އިންޑިއާ އައުޓް ބެނާ
އިންޑިއާ އައުޓް ބެނާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެއަމުރު ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނީ ކްރިމިނަލް ކޯޓުން އަމުރު ނެރެދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުން ބެނާ ނެގުމުގައި އަމަލުކޮށްފައިވަނީވެސް ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރާއެކު ދޫވެއްސާއި ޕީޕީއެމްގެ އިދާރީ އޮފީސް ހުންނަ ހުރަފާގެއަށް ވަދެ ބެނާތައް ތިރިކޮށްފައެވެ.

"އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރެފައެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވިއެވެ.

އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު