ކުރީގެ ފަތުރުވެރިކަމާބެހޭ ވަަޒީރު ޢަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަަޒީރު ޢަލީ ވަޙީދު
ދިވެހިފުޓުބޯޅައިގެ އިންޤިލާބީ ސަފްޙާއެއް ކުރަހާނެކަމަށް ވިދާޅުވެ ކުރީގެ ފަތުރުވެރިކަމާބެހޭ ވަަޒީރު ޢަލީ ވަޙީދު ތަފާތު ޓްވީޓެއް ކުރަށްވައިފިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުން އެ ނޯޓިސް ފެންނާކަށް ނެތެވެ.

އަލީ ވަޙީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު މިއަދު އޭނާ ވަނީ އާދަޔާ ޚިލާފު ޓްވީޓެއް މީސްމީޑިއާއަށް ދޫކޮށްލާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ކުރީގެ ކްލަބް ކްއީންސް ޕާކް ރޭންޖާސްގެ ސްޓޭޑިއަމްގައި ޙަރަކާތްތެރިވާ ފޮޓޯތަކެއް ޙިއްސާކުރަށްވަމުން ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހިފުޓުބޯޅައިގެ އިންޤިލާބީ ސަފްޙާއެއް ކުރަހާނެ ކަމަށެވެ. އަދި މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށްވެސް ޢަލީ ވަޙީދުވަނީ ވިދާޅުވެފައެވެ.

"ދުވެފަނުދެވެންޏާ ހިނގާފަވެސް ހުވަފެނީ މަންޒިލަށް އަމާޒު ހިފާށެވެ. އިރާދަފުޅުން ކާމިޔާބު ވާނެއެވެ." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.



އަލީ ވަޙީދު އިތުރަށް ވިދާޅުވީ ފާއިތުވީ ހަފްތާގެ ތެރޭގައި އިނގިރޭސި އެފް.އޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑެލާއި ގްރެންފެލް މެމޯރިއަލްކަޕްގެ ރިހި މެޑެލް، ލަންޑަނުގެ އޭއެފްސީ ސައުތް ލަންޑަން ކްލަބްގެ ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

"ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެ." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.



އަލީ ވަޙީދުގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ކުޅިވަރާބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނުކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ކޯޓުން ބޭސްފަރުވާއަށް ދިން 4 މަސްހަމަވެ އަލީވަހީދު ރާއްޖެ ނައުމުން އެ މައްސަލާގައި ޖާމިނުވި އަސްއަދު ޢަލީ ވަނީ 15 ދުވަހަށް ޖަލު ޙުކުމެއްވެސް ތަންފީޒުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި ޢަލީ ވަޙީދު ރާއްޖެ ގެނައުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރުމަށް ބޭނުންވާ އިނގިރޭސި އަމުރުވެސް ކޯޓުން ވަނީ ނެރެފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު