ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އިބްރާހިމް މުއާޒް
ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އިބްރާހިމް މުއާޒް
އިންޑިއާ އައުޓް ޙަރަކާތަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކޮއްޓަވާ މަގެއްކަމަށް ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި މިއަދު ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ އިދިކޮޅު ޕީޕީއެމުން މިހާރު ކުރިއަށްގެންދާ އިންޑިއާ އައުޓް ޙަރަކާތަކީ އިދިކޮޅަށް ރައްޔިތުންގެ ތާޢީދު ނެތުމުން "ކޮންމެވެސް ކަމެއް" ކޮށްލުމުގެ ގޮތުން ހިންގާ ޙަރަކާތްތަކެއް ކަމަށެވެ. އަދި އެއީ ވަކި ޝިއާރެއް ދައްކައިގެން ވެރިކަމަށް އައުމަށް ރައީސް ޔާމީން ކޮށްޓަވާ މަގެއް ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް މިއަދު ވިދާޅުވީ އިންޑިއާ އައުޓް ޙަރަކާތުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި އެއީ ބޭރުދުނިޔެއަށް ވަކި މަންޒަރެއް ދެއްކުމަށް އިދިކޮޅުން ހިންގާ ޙަރަކާތެއް ކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި ބޮމާގުޅޭގޮތުން މުއާޒް ވިދާޅުވީ، އެދުވަހު ރައީސް ޔާމީން އިށީނދެވަޑައިގަތީ އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށެވެ. އަދި އެދުވަހު ރަސްމީފާލަމުން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވިކަމަށާއި އެއީ އެހެންނޫނީ އެމަނިކުފާނު ޢަމަލުކުރަށްވާ ގޮތްތަކާއި ތަފާތުކޮށް ޢަމަލުތައް ގެންގުޅުއްވި ދުވަހެއް ކަމަށެވެ.

މުއާޒަކީ ރައީސް ޔާމީންގެ ވެރިކަން ވޯޓަކުން ނިމުމަކަށް އައުމުން ވޯޓުކަރުދާހުގައި އޮތް ފާހަގަވެސް ބަލަބަލާ ހުއްޓާ ތިރިއަށް ވެއްޓުނުކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. 2018ގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ޕާޓީ އޮފީސް ދޮރުމަތީގައި ހިންގި ހަރަކާތް ލީޑް ކުރެއްވީ ވެސް މުއާޒެވެ. އަދި ދާދިފަހުން މުއާޒުވަނީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ އެމްޓީޑީ އަށް ސޮއި ކުރަށްވައި އެޕާޓީގެ ނައިބުރައީސް ކަމާވެސް ޙަވާލުވެވަޑައިގެންފައެވެ.

"އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވިއެވެ.

އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު