ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ ސިޔާސީ ނިޒާމަށް "ވަޢުދު" ތަޢާރަފްވީގޮތް ރައީސް ނަޝީދު ވިދާޅުވެދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިޔާސީ މީހުން ވެފައިވާ ހުރިހާ ވަޢުދެއް ފުއްދުމަކީ ކުރެވޭ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުވަނީ މެންބަރުންނަށް ވަޢުދަކީ ކޮބައިކަން ސާފުކޮށްދެއްވާފައެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ވަޢުދަކީ" އިނގިރޭސި ބަހުގައި އޮންނަ "ޕްލެޖް" ތަރުޖަމާ ކޮށްގެން 2008 ވަނަ އަހަރު އެމްޑީޕީން ސިޔާސީ މައިދާނަށް ތަޢާރަފް ކުރި ބަހެއް ކަމަށެވެ.

"ވައުދު މި ބަސް ތައާރަފް ވެގެން އައީ 2008 ވަނަ އަހަރުގެ ފުރަތަމަ ރިޔާސީ އިންތިހާބުގައި، ޕްލެޖް މި ބަސް އިނގިރޭސި ބަހުން ތަރުޖަމާވެގެން ދިޔަ ބަހެއްގެ ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ހުށަހެޅީ ހަތަރު ވައުދު ކަމަށާއި ނަމަވެސް، ފަހުން ސިޔާސީ މައިދާނުގައި ވަޢުދުތަކަށް ޚާއްސަ ބުރަދަނެއް ދީގެން މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، މަޖިލީހުގައިވެސް ތިއްބެވީ ސިޔާސީ ބޭފުޅުން ކަމަށާއި، ނަމަވެސް މަޤާމަށް ވަޑައިގަތުމަށް ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއްގެ ތެރެއިން ދައުރު ނިމޭއިރުވެސް ނުފުއްދޭ ވަޢުދު ހުންނަކަމަށެވެ. އެއީ ޙާލަތާގުޅިގެން ކުރިމަތިވާ ކަމެއްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ވަޢުދު ފުއްދަން އެންމެންވެސް މަސައްކަތް ކުރާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު