މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ޖަމާކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިއަދު ފެށިގެން ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި އަތޮޅުފިހާރަތައް ކައުންސިލްތަކަށް ދޫކޮށްލުމަށް ކައުންސިލަރުން ވަނީ ޚިޔާލު ހުށައަޅުއްވާފައެވެ. އެކަމާގުޅިގެން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، އަތޮޅު ފިހާރަތަކުން ނަގާ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށްވެސް ރަައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ފުރަތަމަވެސް 2019 ވަނަ އަހަރު 2014، 2015، 2016 ވަނަ އަހަރުގެ ފައިސާ އެކީގައި ދީ ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑާއި ގުޅިގެން ކުޑަކޮށް މަޑުޖެހިފައި އޮތުމަށްފަހުގައި 2018، 2019 ގެ ފައިސާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ޖަމާކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

" ކައުންސިލްތަކަށް މި ލިބެނީ އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 ޕަސެންޓް. އެއީ ކުރީއްސުރެ ފަށައިގެން މިއަންނަ ގޮތް. އަޅުގަނޑުމެން މި ނިންމަނީ ކުރިއަށް އޮތް ތަނުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެކީގައި އަތޮޅު ކައުންސިލްތަކަށް ދޭގޮތައް. ފިނޭންސް މިނިސްޓްރީއަށް ސަރުކާރުގެ ބަޖެޓަށް އެ ނުވަދެ ސީދާ ކައުންސިލްތަކަށް އެ ދޭގޮތަށް" ރައީސް މިއަދު ވިދާޅުވިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ، 2016 އަދި 2017 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ 38 މިލިއަން ރުފިޔާ މިހާރު އަތޮޅު ކައުންސިލްތަކަށް ދޫކޮށްފައި ވާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ 17.9 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުގެ 20.5 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2018 ވަނަ އަހަރު ކުލީގެ ގޮތުގައި ޖަމާ ކުރަން ނިންމާފައި އޮތީ 17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސްގެ ނިންމެވުމާއެކު އެ އަދަދު 34 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.

މާލޭ ނޯތު ހާބަރު ކުރިމަތީގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ކައުންސިލަށް ޖަމާކޮށްނުދޭތާ ހަތަރު އަހަރު ފަހުން 2019 ވަނަ އަހަރު ވަނީ, 2015 ވަނަ އަހަރު ނުދީހުރި 12.5 މިލިއަން ރުފިޔާވެސް ކައުންސިލްތަކަށް ޖަމާކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން