ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށްގެން ބާއްވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މާލެ ސިޓީ ކައުންސިލުން ބައިވެރިނުވާކަން ހާމަވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިއަވަތި ކޮންފަރެންސްގައި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައެއް ނުވެއެވެ. އަދި ކޮންފަރެންސް ފެށުމުގެ ގޮތުން ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސްގައި ބައިވެރިނުވިނަމަވެސް، ޕީޕީއެމަށް ނިސްބަތްވާ ބައެއް ކައުންސިލްތަކުގެ ރައީސުން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މާލެ ސިޓީގެ އަންހެން ކޮމިޓީގެ ފަރާތުންވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންފަރެންސްގެ ދައުވަތު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ދައުވަތު ލިބުނުއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގައިކަމަށާއި، އަދި ބައެއް ކައުންސިލަރުން ތިއްބެވީ ރަސްމީ ދަތުރެއްގައި ތުރުކީ ވިލާތުގައިކަމަށެވެ. އެހެންކަމުން ދައުވަތާ މެދު ގޮތެއް ނިންމަން އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ނަރީޝް ވިދާޅުވިއެވެ.

"ރަށުން ބޭރުގައި އއ. އުކުޅަހުގައި މިފަދަ ކޮންފަރެންސެއް ބާއްވާއިރު މިއަށް ވުރެ ދުރާލައި ދައުވަތު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން." ނަރީޝް ވިދާޅުވިކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

މިމަހުގެ 28 އަދި 29 ގައި ކުރިޔަށްގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން