ރާއްޖޭގައި މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 24 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ރާއްޖެއަށް މިއެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދަކީ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ފަންޑެއް ގާއިމްކުރުމަށް މި އެހީގެ ތެރެއިން އެހީތެރިވެދޭނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ އިކޮނޮމިކް މިނިސްޓްރީ އާއި ޕެންޝަން އޮފީހާ ގުޅިގެންނެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް 2019 ވަނަ އަހަރު ހުރީ 5.3 އިންސައްތައިގައި ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައި ކަމަށާއި، އަންހެނުން ވަޒީފާތަކުގައި އުޅޭ ނިސްބަތް ވެސް ހުރީ 46 ޕަސެންޓްގައި ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

މި އެހީތެރިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގްތިސާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ މިފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން