ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން
ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުއްމަތާ ދެކޮޅު ބަސްތަކެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން ބުނެފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރް ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ޢަދާލަތު ޕާޓީން މިއަދު ވަނީ އޭނާގެ ޢަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޢަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވެވި މަތިވެރި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށްފައިވާ ކަމަށެވެ.

އަދި ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެއީ ބައިނަލްއަޤުވާމީ މުއާޙަދާތަކާ ޚިލާފު ޢަމަލެއް ކަމަށްވެސް ޢަދާލަތުޕާޓީން ވަނީ ބުނެފައެވެ.

ޢަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ އެތައް މިލިއަން މުސްލިމުންގެ ލޯތްބާއި ޣައިރު މުސްލިމުންގެ ލޯބިވެސް ހޯއްދަވާފައިވާ ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަޙައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކިތަންމެ ނުރުހުނަސް ކީިރިތި ރަސޫލާގެ ތާހިރު ސިޔަރަތާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަ އައިރު މުސްލިމުން ވެސް ދުނިޔޭގައި އަންނަނީ އިތުރުވަމުން ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ ކީރިތިރަސޫލާގެ ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ހަނދާން ކޮށްދޭކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު