ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ސަރުކާރުގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމާބެހޭ ގަރާރެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މެންބަރު އިލްޔާސް ލަބީބް ހުށައެޅުއްވި ޤަރާރުގައިވަނީ 2012 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ދިފައިވާ ސޮވެރިން ގެރެންޓީއާއި އެ މުއްދަތުގެ ތެރޭގައި ވިއްކާފައިވާ ބޮންޑާއި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މިއަހަރާއި އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ.

މިއަހަރު ދަޢުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ފާސްކުރިނަމަވެސް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް ލިބިފައިވަނީ 11.1 ބިލިއަން ރުފިޔާ ކަމަށް ޤަރާރުގައިވެއެވެ. އަދި މިއަހަރުގެ ބަޖެޓުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އިލްޔާސް ހުށައެޅުއްވި ޤަރާރުގައިވެއެވެ.

ޤަރާރުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރިޒާވުން ހަރަދު ކުރަންޖެހޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި އެހެންކަމުން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގޮވާލައްވާކަމަށް އިލްޔާސް ހުށައެޅުއްވި ޤަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މެންބަރު އިލްޔާސް މިފަދަ ޤަރާރެއް މަޖިލީހަށް ހުށައަޅުއްވާފައިވާއިރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސްވެ ރާއްޖެ ބަނގުރޫޓުވުމާ ހަމައަށް ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. ހަމައެއާއެކު ރައީސް ސާލިޙު ވިދާޅުވީ ދައުލަތުގެ ދަރަނި ދެއްކުމުގައި މިވަގުތު ބޮޑު ގޮންޖެހުމެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު